ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އަމަލު ކުރަން ފެށިތާ 8 ދުވަސް ތެރޭ އެ ގާނޫނާ ހިލާފުވެފައިވާ ނުވަ ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ ހިލާފްވި ނުވަ ފަރާތެއް ޖޫރިމަނާ ކޮށްފައިވާ އިރު، އެއި ޖުމްލަ 50،000 ރުފިޔާ ކަމަށެވެ. އޭގެތެރެއިން ސައިކަލު ދުއްވަމުން އީ ސިނގިރޭޓް ބޭނުން ކުރި މީހަކު ވަނީ 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ނުވަ މީހުން ވެސް ޖޫރިމަނާ ކޮށްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 15/2010) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމާއި ހިލޭބަހާ ނަމަ އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާ ނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

ގާނޫނަށް ގެނައި މި އިސްލާހަށް އަމަލުކުރަން ފަށަފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.