މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ބަދަލު ކުރި 22 މީހުން މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ގްރީން ބިލްޑިންގް ކައިރީ އަމީނީ މަގުގައި ހުރި ގެތަކަށް ދުމުގެ އަސަރުކޮށް ގެއްލުން ލިބިފައިވާ އިރު، މ. ލޯކަށިގެ އާއި މ. ކުދިމާވިލާ އަދި މ. ލޫބިޔާ އިން މީހުން ހުސްކޮށް 50 މީހުން އެ ދުވަހު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
އެންޑީއެމްއޭ އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ގެތަކުން ނިކުންނަން ޖެހުނު 29 މީހަކަށް އެ އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައި ކަމަށެވެ. އޭގެތެރެއިން ވަގުތީ ހިޔާތަކުގައި އަމިއްލަ ގެތަކަށް ބަދަލުނުކޮށް ތިބި 22 މީހުން މިހާރު އަމިއްލަ ގެތަކަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާގެ އަސަރު ކުރި ގެތަކުގެ ބައެއް މީހުން ތިބުމަށް ގެސްޓް ހައުސް ހަމަޖައްސައިދިން ކަމަށާއި އަދި އަނެއްބައި މީހުން ބޭނުން ތަނެއްގައި ތިބުމަށް ފައިސާ ދީފައިވާނެ ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވި، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވާރަންމެންޓް މިނިސްޓްރީ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހިދުމަތް ދެމުން ދިޔަ އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.