ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ފަރާތަކަަށް ބިން ލިބުނު ކަމުގެ ލިޔުން ދޫކުރި މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ދިން މައްސަލައާ ގުޅިގެން މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މިހާރު މި މައްސަލައިގައި ކުރާ ތަހުގީގުގައި 6 މީހަކާ ސުވަލުކޮށްފައިވާ ކަަމަށާއި އެމީހުންގެ ތެރޭގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއް ނުހިމެނޭ ކަމަށެވެ. އަދި މި މައްސަލައިގައި ފަޒުލްއަށް އާންމުންގެ ގިނަ ބަޔަކު ތުހުމަތު ކުރަމުން އައި ނަމަވެސް ތަހުގީގަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ފާހަގަވެފައި ނުވާ ކަަމށް ފުލުހުން ބުނެއެވެ.

މި ތަހުގީގުގައި ސޯޝަލް މިޑިއާއިން ފާހަގަކުރީ އެއް ލޮޓްގެ މައްސަލަ ނަމަވެސް ތަހުގީގަށް އެފަދަ ތިން ލޮޓެއްގެ މައްސަލަ ފާހަގަވި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ފަރާތްތަކަށް ބިން ލިބުނު ކަމުގެ ލިޔުން ދީފައި ވަނީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަމަށާއި މި މައްސަލައިގައި ތަހުގީގު ފުޅާކޮށް ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުންގެ އަތެއް މި ކަމުގައި ވޭތޯ ބަލާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވެސް ކަމެއް ހިންގާފައި ވޭތޯ ބަލާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އެފަދަ ކަމެއް ތަހުގީގަށް ފާހަގަ ވެއްޖެ ނަމަ އެކަން ބަލާނެ ކަމަށާއި އެ ތުހުމަތު އެފަރާތަކަށް އިއްވާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފެންމަތިވުމުން "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ފުލުހުންނަށާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރު ކޮށްފައެވެ. އެހެންކަމުން އޭސީސީން ވަނީ ފުލުހުންނާއެކު މަޝްވަރާކޮށް އަވަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެފިއެވެ.

މި މައްސަލަ އާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ސަސްޕެންޑްކޮށް އަދި ބޯޑުން ވެސް، އޭނާ ވަނީ ވަކިކޮށްފައެވެ. އެންމެ ފަހުން އެޗްޑީސީގެ ޗެއާމަން ކަމަށް އައްޔަންކުރި އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ ބޭފުޅުން މިއަދު ވަނީ ސަސްޕެންޑް ކޮށްފައެވެ.

ބޯޑު ސަސްޕެންޑް ކޮށްފައި ވާއިރު އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް ސަސްޕެންޑު ކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.