އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އުއްތަމަ ފަނޑިޔަރު ޗުއްޓީގައި ބ. ފުޅަދޫގައި ހުންނަވަނިކޮށް ހާލުކޮޅު ގޯސްވެ، އެމަޖެންސީގައި ރޭ ވަނީ މާލެ ގެނެސްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އުއްތަމަ ފަނޑިޔާރަށް ފަރުވާ ދެނީ އެ މަނިކުފާނުގެ މައިބަދައަށް އެރި ތަދަކާ ގުޅިގެންނެވެ.

މި ކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 1، 2025 ވަނަ ދުވަހާއި ހަަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ.

އަހުމަދު މުއުތަސިމް އަދުނާނު ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް އަހުމަދު މުއުތަސިމް އަދުނާނުގެ ނަންފުޅު ހުށަހެޅުއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތްކުރެއްވި އަހުމަދު މުއުތަސިމް އަދުނާނު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުއެވެ.