ދުންފަތް ކޮންޓްރޯލްކުރުމުގެ ގައުމީ ދުރުރާސްތާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ކުރަމުން އަންނަކަމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ބާވަތްތަކުން ރައްކާތެރިވުމާއި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ބެހޭގޮތުން ކުރިއަށްގެންދާ ރައުންޑް ޓޭބަލް ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށެވެ.
ދިވެހި މުޖުތަމަޢަކީ ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ތަނަކަށް ހެދުމަށް، މީގެ ކުރިން ވެރިންނަށް ކެރިވަޑައިނުގަތް ގިނަ ފިޔަވަޅުތަކެއް ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ އެންގެވުމަށް ރާއްޖޭގައި ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ދިވެހިންނަކީ ދުންފަތުގެ ބާވަތްތަކުން ސަލާމަތްވެފައިވާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފަހަގަކުރެއްވިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގައުމީ ދުރުރާސްތާ ޕްލޭންގެ ކަރުދާހީ މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިމި، އެ ޕްލޭނަށް އަމަލުކުރަން ފެށޭނެކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދުރުރާސްތާ ޕްލޭންގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރުމަށް މުޅި ރާއްޖޭގައި ސިޒޭޝަން ކްލިނިކްތަކެއް އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދުންފަތުގެ ދުމުން މުޖުތަމައު ރައްކާތެރިކުރުމަށް އެކުލަވާލާ ގަވައިދުގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ގަވާއިދަށް ކޮމެންޓްތައްވެސް ލިބިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރުވަނީ ކުރިއަށް އޮތް ތަނުގައި ދުންފަތުގެ އިސްތިއުމާލުނުކުރޭ އާއްމު ތަންތަން އިތުރުވާނެކަމަށެވެ.