މިދިޔަ ބުރާސްފަތި ދުވަހު އޮފީސް ހަތަރު އިމާރާތެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާ ކުރަން ފުލުހުން އެދިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވި، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައިވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހިދުމަތް ދެމުން ދިޔަ އިމާރާތައް ވެސް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ.

މިކަމުގެ ތަހުގީގު ފުލުހުން ފަށާފައި ވާއިރު މިއަދު ފުލުހުން ކުރި އިއުލާނެއްގައިވަނީ މި ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައިވެއެވެ. އެގޮތުން ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވަނީ އެ ހާދިސާގެ ތަހުގީގަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.