މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފިއެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށެވެ. ސްރީލާންކާއިން ރާއްޖެ އައުމުން، އޭނާގެ މައްޗަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޖަލުގައި ހުއްޓާ ދެ ދުވަހެއްގެ މަތިން ބޮޑުކަމުދިޔަ ތަކެތިން 76 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގެ ޝާފިއުވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި އެ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫން ކަމަށާއި އެ ތަކެއްޗާ އޭނާ ހަވާލުވީ މަޖުބޫރީ ހާލަތެއްގައި ކަމަށް ޝީފާއުވަނީ ބުނެފައެވެ. އިތުރަށް ޝިފާއުވަނީ ފުލުހުން އެ ތަކެތި ހޯދީ އޭނާ އަށް ބިރު ދައްކައި ނުފޫޒު ފޯރުވައިގެން ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުގެ ރިއާޔަތްކޮށް ޝާފިއުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އަދި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ 100،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ޝާފިއުގެ ފަރާތުންވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެގޮތުން އިއްޔެ އިއްވި ހުކުމްގައި ބުނީ، މި މައްސަލާގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތް ކަށަވަރު ކުރެވޭނީ އެ ތަހުލީލު ކުރި ފަރާތް ޝަރީއަތަށް ހާޒިރު ކޮށްގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވެސް އެގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްގެ ސައްހަކަމާ މެދު ޝާފިއުގެ ފަރާތުން ސުވާލު އުފައްދާފައި ނުވި ނަމަވެސް، އެއީ ތަހުލީލު ކުރި ފުލުހުންގެ އޮފިސަރު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރަން ޝަރީއަތުން ނިންމި ރަނގަޅު ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. އަދި އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫން ކަމަށްވެސް ހައި ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް މީހާ ހާޒިރުކޮށް، ރިޕޯޓް ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް އަލުން ފޮނުވަން ޖެހޭ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.