ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އދ. އޮމަދޫ ކައުންސިލާ ބައްދަލުކުރައްވާ އޮމަދޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި އޮމަދޫ ކައުންސިލުން ވަނީ ރަށު ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަށް ހިއްސާކޮށްފައެވެ. އެގޮތުން ބަނދަރުގެ މައްސަލައަކީ އޮމަދޫގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރަމުން އޮމަދޫ ކައުންސިލުން ވަނީ ހެލްތު ސެންޓާ ތަރައްގީކުރުމަށް ބޭނުންވާކަމަށާއި ބިމުގެ ޖާގައިގެ ދަތިކަންވެސް ބޮޑު ކަމަށް ބުނެފައެވެ. އަދި ސުކޫލުގެ ކަންކަން ރަނގަޅުކުރަން ބޭނުންވާކަމަށްވެސް އޮމަދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މި ކަންކަމަށް ރިއާޔަތް ކުރައްވާ ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސް ވަނީ ސުކޫލުގެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ބަނދަރުގެ މަޝްރޫއާއެކު ރަށް ގިރުމުގެ މައްސަލައަށްވެސް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އދ. އޮމަދޫ ކައުންސިލާ، ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން އޮމަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންވެސް ވަނީ ބައިވެރިވެފައެވެ.