އދ. އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ފަޅުތަކުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އދ. އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަރިއަތޮޅު ދެކުނުބުރީގައި އޮންނަ ކުޑަދޫފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1329 ފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1330 ފަޅަކީ އެއަތޮޅު ދެކުނުބުރީ އޮމަދޫ ގެ ބައެއް ކަމުގައި ރައީސް ހަމަޖައްސަވާފައިވާއިރު، މި ތިން ފަޅު އޮމަދޫ ގެ ބައެއް ކަމުގައި ހަމަޖައްސަވާފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިގްތިސާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްގީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ.
ރައީސް މިއަދު އޮމަދޫއަށް ވަޑައިގެން އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި އެ ފަޅުތައް، އެރަށު ކައުންސިލާ ވަނީ ރަސްމީކޮށް ހަވާލުކުރައްވާފައެވެ. އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރަށު ފަތުރުވެރިކަން ކުރިއެވުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރުގެ ކުރީކޮޅު އޮމަދޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ތައާރަފުކުރައްވާނޭކަމަށެވެ. ރައީސް ވިދާޅުވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދެއްވުމަށް އިފްތިތާހުކުރެއްވި މަޝްރޫއުގެ ދަށުން ފުރަތަމަ އެ ހިދުމަތް ގާއިމުކުރެއްވީވެސް އޮމަދޫގައި ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އޮމަދޫގައި މެދުކެނޑުމަކަށް އައިސްފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށް އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏަށް ބާރުއަޅައި، މަޝްރޫއު ފުރިހަމަކުރުމަށް ކުރަން ހުރި ކަންކަން ކުރައްވާނެ ކަމަށެވެ. މީގެއިތުރުން މިއަދު ރައީސް ވަނީ އޮމަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.