އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލު ލީގުގައި ޖެހިޖެހިގެން ދެ މެޗުން އެއްވަރުވެއްޖެއެވެ. މިރޭ އެޓީމުގެ ދަނޑުގައި ފުލްހަމްއާ ދެކޮޅަށް ކުޅުނު މިމެޗު އެއްވަރުވީ 2-2 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ފުލްހަމުންނެވެ. މެޗުގެ 11 ވަނަ މިނެޓްގައި އެޓީމުން ޖެހި މިލަނޑު ކާމިޔާބުކޮށް ދިނީ އެންޑްރިއާސް ޕެރޭރާއެވެ.

މި ފައުލަށް ރޮބަޓްސަންއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައި/ފޮޓޯ: އެކްސް

ދެން މެޗުގައި ފެނިގެން ދިޔައީ ރަތް ކާޑެކެވެ. މިގޮތުން ފުލްހަމްގެ ހެރީ ވިލްސަންއަށް ލިވަޕޫލްގެ އެންޑީ ރޮބާޓްސަން ކުރި ފައުލަށް މެޗުގެ ރެފްރީ ދެއްކީ ސީދާ ރަތް ކާޑެކެވެ.

ފުރަތަމަ ހާފް ފުލްހަމް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފް ފެށިތަނާހެން ލިވަޕޫލުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މުހައްމަދު ސަލާހް ނަގާދިން ހުރަހަކުން ކޯޑީ ގެކްޕޯއެވެ.

ފުލްހަމް ދެވަނަ ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މެޗުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީޑު ނަގަން މަސައްކަތްކުރަނިކޮށް އަނެއްކާވެސް ލަނޑު ޖެހީ ފުލަމުންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފަހު ހާފްގައި ކުޅެން ނިކުތް މިއުނޯޒްއެވެ.

ޖޮޓާ ލަނޑު ޖެހީ ކުޅެން ދަނޑަށް އެރިތާ 6 މިނެޓްގައި/ފޮޓޯ: އެކްސް

މެޗުގެ ނަތީޖާ ހަމަކުރާނެ ވަގުތު ލިވަޕޫލަށް އަދި އޮތެވެ. މިގޮތުން މެޗުުގެ 86 ވަނަ މިނެޓްގައި ލިވަޕޫލްގެ ބަދަލު ކުޅުންތެރިޔާ ޑިއޭގޯ ޖޮޓާ ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން މޮޅުވާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު އިރު އިތުރު ވަގުތުގެ ގޮތުގައި 9 މިނެޓް ދެއްކި މިމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ޖެހިޖެހިގެން ދެ މެޗުން އެއްވަރުވި ނަމަވެސް ލިވަޕޫލް އަދި ވެސް އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ.

ލިވަޕޫލްގެ ނަތީޖާގެ ފައިދާ އާސަނަލްއަށް ނުނެގުނު

ތާވަލުގެ ތިން ވަނައިގައި އޮތް އާސަނަލް ވެސް މިރޭ ކުޅުނު އިރު އެޓީމުވަނީ އަމިއްލަ ދަނޑުގައި އެވަޓަންއާ ކުޅެ 0-0 އިން އެއްވަރުވެފައެވެ.

އާސަނަލް އަނެއްކާ ވެސް މިވީ އެއްވަރު/ފޮޓޯ: އެކްސް

މިމެޗުގައި އާސަނަލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނު ނަމަވެސް އެވަޓަން ވަނީ ހިތްވަރާއެކު ޑިފެންޑްކޮށްފައެވެ. މި މެޗުން އެއްވަރުވުމުން އެއްވަނައިގައި އޮތް އާސަނަލްއާ ލިވަޕޫލާ ދެމެޗުން އޮތް ފަރަގު 6 ޕޮއިންޓަށް ވެފައިވާ އިރު އާސަނަލް ވަނީ އިތުރަށް މެޗެއް ކުޅެފައެވެ.