އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ހުށަހަޅާފައިވާ ބިލް ފަސްކުރަމުން ގޮސް އެ ބިލްގެ މަސައްކަތް ނިންމުމުގައި އޮޅުވާލުންތަކެއް އެބަ ހުރި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، އެ ބިލުގެ މަސައްކަތް ކުރަމުން އަންނަ 241 ކޮމިޓީން އެ ބިލުގެ މަސައްކަތް ނިންމަން އެންމެ ފުރަތަމަ ނިންމާފައިވާ ތާޜީހަކީ އަންނަ ފެބްރުއަރީގެ ކުރިން ކަމަށެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް އަވަސްކޮށް މި ޑިސެމްބަރު މަހުގެ ތަރީހެއްގައި އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފައިވާ ކަމަށް މީކާއިލް ހާމަކުރެއްވިއެވެ.

މަޖިލީހުގެ މި ދައުރު މިއަދު ނިމިފައިވާ އިރު އަދިވެސް އެ ބިލުގެ މަސައްކަތް ނިމިފައި ނުވާކަން ފާހަގަ ކުރައްވަމުން މީކާއިލް ވިދާޅުވީ، މި ދައުރު މި ނިމުނީ ކަމަށާއި މި ޑިސެމްބަރުގައި އެ ބިލުގެ މަސައްކަތް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން މި ބިލުގެ މަސައްކަތް ނިންމާނެ ކަމަށް ބުނެ ކަން ކުރަމުން އަންނަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވެ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

މި ބިލު ބަަލއިގެންފައި އޮންނަތާ މިހާ ދުވަސް ވެފައިވާ އިރު، މި ބިލުގެ ކަންކަން ނިންމުމަށް ލަސްތަކެއް އުޅޭ ކަން ފާހަގަކޮށް އެމްޑީޕީގެ އިތުރުން ބައެއް އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު، މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައި ވަނީ، އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދާ ކަމަށާއި އިސްލާހުގެ މަސައްކަތް މަޑުޖެހިފައި ނުވާ ކަމަށެވެ. އެކަމާ ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކުގެ އެކިއެކި މައުލޫމާތުތަކާއި ކަންތައްތައް ހޯދައިގެން މަސައްކަތް ކުރިއަށްދާތީ އެކަމަށް ވަގުތު ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިމިގްރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ އަކުރަކަށް ނަންބަރެއް އިތުރު ކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންނެވެ. އިސްލާހު ފާސްވެއްޖެނަމަ، އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާވާނެއެވެ.