މިއަދު ހެނދުނު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާނުގައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް ވެސް އަނދާފައިވާއިރު އެ ތަނުން ކުރިން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން ހުޅުމާލެ އަށް ބަދަލުކޮށްފިއެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ރަޖިސްޓްރޭޝަނާ ބެހޭ ބައި ހުންނަ މ. ގްރީން ބިލްޑިން ކޮމްޕްލެކްސްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ވަނީ އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ސިޓީ ކައުންސިލުން ބުނީ ރޯވި އިމާރާތުގައި ކުރިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް ހުޅުމާލޭގެ ކައުންސިލްގެ އޮފީހަށް ވަގުތީ ގޮތުން ބަދަލު ކޮށްފައިވާ ކަމަށެވެ. އަމީން އެވެނިއު މެޕްލްގެ ތިރީބައިގައި ހިންގަމުން އަންނަ ހުޅުމާލޭގެ ކައުންސިލްގެ އޮފީހަށް މި ހިދުމަތްތައް ބަދަލުކޮށްފައިވާއިރު ކައުންސިލް މުވައްޒަފުންނާއި ސިފައިން ގުޅިގެން އެ ތަނުގައި ހުރި ލިޔެކިޔުންތައް ސަލާމަތް ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ވެސް ބަލަހައްޓަމުން އަންނަ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާއިރު ލިފާނުގެ ހާދިސާގައި ގެއެއްގެ ނުވަތަ ގޯއްޗެއްގެ ރެޖިސްޓްރީ ގެއްލިއްޖެ ހާލަތުގައި އެ އަނބުރާ ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ވިދާޅުވިއެވެ.