ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމްޓީސީސީ ބަހުގެ ބައެއް ރޫޓްތައް މެދުކަނޑާލައިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ އަމީނީ މަގުގައި ހުންނަ ހައުސިން މިނިސްޓްރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އަމީނީ ރޫޓްގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށެވެ. އަދި ވެސްޓްޕާކް ރޫޓްތަކުގެ ދަތުރުތަކަށް ބުރޫއެރުމަކީ އެކަށީގެންވާކަމެއް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ވަނީ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެދިފައެވެ.
މިއަދު ހެނދުނު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު މުޅި މާލެއަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައެވެ. މި ހާދިސާގައި ބޮޑުތަކުރުފާނު މަގާ ދިމާއިން ހައުސިން މިނިސްޓްރީގެ އިމާރާތުގެ ބޮޑު ބައެއް ވެއްޓިފައިވާއިރު، އެމްއެންޑީއެފުން ވަނީ އަދިވެސް އަލިފާންގަނޑު ކޮންޓްރޯލްނުކުރެވޭކަމަށް ބުނެފައެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މުޅި އިމާރާތުގައި ރޯވެފައިވާއިރު މިހާރު މަސައްކަތް ކުރަނީ އެހެން އިމާރާތަކަށް އަލިފާން ފޯރިޔަނުދިނުމަށް ކަމަށެވެ. އަލިފާން ރޯވެފައިވާ އިމާރާތުގެ ވަށައިގެންވާ އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.