ރައީސުލްޖުމްހޫރިއްޔާ އާންމުންނަށް އަނިޔާވެރިވުމުން އާންމުން ކުޅޭނީ ތާރީހުގެ ފޮތްތަކުން ކަމަށާއި، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަށް ހެދިހެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވި މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ރައީސަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތަށް ކަމަށް ބުނެ އެމްޑީޕީން ދެއްކި ވާހަކަތަކަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދޭ ކަމެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، މިއީ އެ ގާނޫނުގައިވާ ގޮތުން ކުށެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މި ވާހަކަތައް ދައްކާފައިވަނީ ވަކި ފިކުރެއް ކުރިއަރުވައި އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށާއި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމުގެ މަގްސަދުގައި ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނެސް މި މައްސަލަ ތަހްގީގުކޮށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވިއެވެ.
މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ ތެރެއިން މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 44 މެންބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ. ވަކިކޮޅަކަށް ވޯޓުނުދެއްވައި އެއް މެންބަރަކު އިންނެވިއެވެ.
މިރޭ އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ޖަލްސާ އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް އިއްޔެ ވިދާޅުވީ، އާންމުންނަށް ދެރަ ދިނުމުން ހަދަން ޖެހޭނީ އަމީނަށް ހެދިހެން ކަމަށާއި، އެއީ ރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް ކަމަށެވެ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އެ މީހަކު އެހެން ބުނެފައި ވަނީ ރައީސަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާއެއްގައި ޕޯޑިއަމަކަށް އަރާ ހުރެ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ކަންކަން ވެރިންނަށް ހަނދާންކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ތާރީހަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަން ހިނގާ ގޮތަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ބަޔަކަށް އަނިޔާވެރި ވެއްޖެއްޔާ އަނިޔާވެރިވާނެ ކަމަށެވެ. ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް ގޮވާލައްވަމުން ފައްޔާޒް ވިދާޅުވީ އަނިޔާވެރި ވެއްޖެ ނަމަ ތާރީހުގެ ފޮތްތަކުން ރައްޔިތުން ކުޅޭނެ ކަމަށެވެ.