ވެރިކަމާ ތޮޅެއް ވެއްޖެ ކޮންމެ ފަހަރަކު ހަތިޔާރެއްގެ ގޮތުގައި ނަގާ އެކައްޗަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއެވެ. ވެރިކަމުގައި ތިބޭ ފަރާތްތަކުން އަސާސީއާ ހިލާފުވަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން 'ގާނޫނީ ހަމަތައް' ދައްކައެވެ. ވެރިކަމުގައި ތިބޭ ފަރާތްތަކުން ވެސް ދައްކަނީ ހަމަ އެހަމަތަކެވެ.

ދިވެހި ޖުމްހޫރިއްޔާގެ ފެހި ގަނޫނު އަސާސީ ވުޖޫދުވި ފަހުން، ހިނގާދިޔަ އެތައް ހާދިސާއެއްގެ ތެރެއިން މި މަޒުމޫނުގައި ފާހަގަ ކުރާނީ ދާދިފަހުން ގާނޫނު އަސާސީއަށް ގެނައި 5 އިސްލާހުގެ ވާހަކައެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އިސްލާހު ކުރި 5 މާއްދާ އަކީ؛

  1. 3 ވަނަ މާއްދާ: ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅާ މާއްދާ.
  2. 73 ވަނަ މާއްދާ: މެންބަރަކަށް ވުމުގެ ޝަރުތުތަކާ ގުޅޭ މާއްދާ.
  3. 115 ވަނަ މާއްދާ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް.
  4. 251 ވަނަ މާއްދާ: ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބައެއް މިލްކު ކޮށްދިނުމާއި އަސްކަރީ ބޭނުމަކަށް ދިނުން.
  5. 262 ވަނަ މާއްދާ: އަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް ދިޔުން.

މި މާއްދާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅުމާބެހޭ މާއްދާއަށް ގެނެސްފައި ވާ އިސްލާހަކީ، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗާގޯސް އަށް ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލި ނުވަތަ ވިއްކާލި ކަމަށް ގިނަ ދިވެހިން ބުނާ ހާދިސާ ފަދަ އިތުރު ހާދިސާއެއް ހިނގިޔަ ނުދިނުމަށް މުހިންމު އިސްލާހެކެވެ. އޭރު ޗާގޯސް އާއި ރާއްޖެއާ ފުށޫ އަރާ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން އެއްބަސްވި އިރު މަޖިލީހުގައި އަވާފައި ވެސް ނުވެއެވެ. މަޖިލީހުގެ މަޖޯރިޓީ އޭރު އޮތީ ވެރިކަން ކުރި އެމްޑީޕީއަށް ނަމަވެސް ސަރުކާރުން އެކަން ކުރީ، މަޖިލީހަށް ހުށައެޅުމެއް ނެތިއެވެ.

ގާނޫނު އަސާސީއަށް ގެނައި 5 އިސްލާހު

'ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު' ގެ 7 ވަނަ މާއްދާ ބުނާގޮތުން، ރާޢްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު އެހެން ގައުމެއްގެ ހާއްސަ އިގްތިސޯދީ ސަރަހައްދާ ފުށޫއަރާނަމަ އެގްރީމަންޓެއްގެ ދަށުން އިންވަކިކުރުމުގެ އިހުތިޔާރު އެއިރެއްގައި އޮންނަ ސަރުކާރަކަށް ލިބެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި އޮތް، މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ އަޣުލަބިއްޔަތުގެ ބަދަލުގައި ހިނގަމުންދާ ރައީސް މުއިއްޒުގެ ސަރުކާރުން އެ މާއްދާ އިސްލާހު ކޮށްފައި ވަނީ، ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ، މަޖިލީހުގެ 4 ބައިކުޅަ 3 ބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އެ ގާނޫނޫނުގެ 7 ވަނަ މާއްދާ މިހާރުވެސް އޮތީ ކުރިން އޮތް ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތައް ބަޔާން ކުރާ ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް މި ސަރުކާރުން ގެނައި އިސްލާހަކީ، މިއަދުގެ އެންމެ ބޮޑު އެއް ވާހަކައެވެ. މީގެ ކުރިން އޮންނަ ގޮތުން، މެންބަރަކު ހޮވޭ ހައިސިއްޔަ ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ނުގެއްލުނު ނަމަވެސް އާ އިސްލާހާއެކު ގޮނޑި ގެއްލޭނެއެވެ.

ބަހުސް ދިގު މި މައުޟޫއަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަނެވިއްކުމުގެ ފެށުން އައީ ސ. ފޭދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލްހާން ފަހުމީ، 2009 ގައި ޑީއާރުޕީ ދޫކުރައްވައި އެމްޑީއަށް ވަޑައިގެން ހިސާބުންނެވެ. އޭގެ ފަހުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުވެސް ވަނީ ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއަށް ވަޑައިގެންފައެވެ. އެ ބޭބޭފުޅުން ޕާޓީ ބަދަލު ކުރެއްވުމުގައި މާލީ ބޮޑެތި މަންފާތައް ލިބުނު ކަމަށާއި، އެއީ އެ ބޭފުޅުން ކުރިން ތިއްބެވި ޕާޓީތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުގެ އިތުރުން އެބޭފުޅުން ހޮވި ދާއިރާގެ އަދި ޕާޓީގެ މެންބަރުންނަށް ލިބުނު ދެރައެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އޭގެ ފަހުން ޕާޓީ ބަދަލުކުރުމުގެ އޮއިވަރެއް މެންބަރުންގެ ތެރޭގައި ހިނގަމުން ދިޔުމުން، ފްލޯ ކްރޮސް ކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތައް އަޅާފައި ވެއެވެ. ސިޔާސީ ޕާޓީގެ ގާނޫނަށް ގިނަ އިސްލާހުތައް ގެނެސް ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށްފައި ވެއެވެ.

ހިނގަމުން މިދާ މަޖިލީހުން އަސާސީގެ 73 ވަނަ މާއްދާ އިސްލާހު ކުރީ، ހޮވުނު ޕާޓީ ދޫކޮށް، ހޮވައިދިން ރައްޔިތުންގެ ވިންދާއި އިހުސާސްތަކާއި ގަބޫލު ކުރުންތަކާ ދެކޮޅަށް މާލީ މަންފާއަކަށް ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ޕާޓީ ބަދަލު ކޮށްފި ނަމަ އެއީ އެންބަރަކު ހޮވުނު ހައިސިއްޔަތު ދޫކޮށްލަން އެއްބަސް ވާ އެއްބަސްވުމެއްގެ ގޮތުގައި ދޭ އިހުތިޔާރެއްގެ ގޮތުގައެވެ. އެ ގޮތުން އެ މެންބަރަކު ޕާޓީގެ ފަރާތުން ވަކިކުރުން ނުވަތަ އަމިއްލައަށް އެހެން ޕާޓީއަކަށް ބަދަލު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެއެވެ.

އިދިކޮޅު އެމްޑީޕީއާއި ބައެއް މެންބަރުން އެކަމުގައި ދެކޮޅު ހަދާ ގާނޫނީ ހުއްޖަތް ދައްކަމުން ދިޔަ ނަމަވެސް ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ގަބޫލު ކުރަނީ އެއީ ރަނގަޅު ހެޔޮ ބަދަލެއް ކަމަށެވެ.

ރާއްޖޭގައި ނަހަމަ މުއްސަނދި ކަމާއި ބާރާއި އެނޫންވެސް ނާޖާއިޒު މަންފާތައް އެންމެ ގިނައިން ހޯދާ ފަރާތްތަކަކީ މެންބަރުން ކަމަށް ކިޔާއިރު 73 ވަނަ މާއްދާގެ ސަބަބުން އެ ނަހަމަކަމަށް އޮތް ދޮރު ބަންދުވާކަމަށް ވެސް ގިނަ ބަޔަކު ދެކެވެ.

ދެން ގެނައި އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތައް ހިމެނޭ 115 ވަނަ މާއްދާއަށް ގެނައި އިސްލާހެކެވެ. އެއީ އެ މާއްދާގެ (ބ) ކުރިން އޮތް މިންވަރަށް ވުރެ ފުރިހަމަ ކޮށް، ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާ އަށް އަމާޒުކުރާ ގައުމީ ތަރައްގީގެ ތަސައްވުރުތައް ކަނޑައެޅުމެވެ.

ޒަމާނާއި ހާލަތާއި އަދި ރައްޔިތުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކާއެކު، އިލްމީ އަދި ހިންގުމުގެ ނަޒަރަކުން ބަލާއިރު ތަރައްގީގެ ޕްލޭން ކުރަހަން ޖެހެނީ އަވަހަށް ނަތީޖާ ނެރެން ބޭނުންވާ ކަންކަމާއި، ވެރިކަމުގެ ދައުރުގެ ތެރޭގައި ނަތީޖާ ނެރެން ޖެހޭ ކަންކަމާއި 10-12 އަހަރަށް ނުވަތަ 20-30 އަހަރަށް ނުވަތަ އެއަށް ވުރެވެސް ދުރަށް އަމާޒު ކުރާ ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތަށެވެ. އެއީ ގައުމެއްގެ ހައިސިއްޔަތުން ރައްޔިތުން ބޭނުންވާ އަދި މުސްތަގުބަލުގައި ލިބިގަންނަން އެދޭނެ އަމާޒުތަކަށް ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

އެކަންކަން ކަނޑައަޅައި ދީ ޔަގީންކޮށްދޭން އިސްލާހުގައި ހިމެނުމުން ގައުމީ ތަރައްގީއާ ދިމާވާގޮތަށް ކަންކަން ކަނޑައަޅަން ރައީސް އަށް ލާޒިމުވާނެއެވެ.

251 ވަނަ މާއްދާއަށް ގެނެސްފައި ވާ އިސްލާހަކީ ވެސް ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދާފައި އޮތް މިންވަރަށް ބަލާއިރު ކޮންމެހެން ގެންނަން ޖެހިފައި އޮތް އިސްލާހެކެވެ. ނިމިދިޔަ ސަރުކާރުގައި 'ހައި އިމްޕެކްޓް ޕްރޮޖްކްޓް' ގެ ނަމުގައި ރާއްގެ މުއައްސަސާތަކުގެ އެންމެ އެތެރެއަށް ވަނުމުގެ ފުރުސަތު އިންޑިއާއަށް ދިންކަން ދިވެހިން ދަންނާނެއެވެ. ދައުލަތުގެ އެކިއެކި ކަންކަމުގައި ބަސް ބުނެވޭ އިމަށް ބޭރުގެ ނުފޫޒު އެމްޑީޕީން ވެއްދިއެވެ. ބޮޑެތި ބައެއް މަޝްރޫއުތައް ކަމަށް ވާ އައްޑޫގެ މަގުތަކުގައި ތާރުއެޅުމާއި، ވިލިމާލެ ބްރިޖް މަޝްރޫއާއި ހަނިމާދޫ އެއާޕޯޓް އަޕްގްރޭޑް ފަދަ މަޝްރޫއުތަކަކީ ހައި އިމްޕެކްޓް ޕްރޮޖެކްޓް ނަމަވެސް ރަށްރަށުގައި ހޮޅި ބައްތި ޖެހުމާއި، އެކިއެކި ތަންތާނގައި ކުލަލުން ފަދަ ކަންކަމަކީ ހައި އިމްޕެކްޓް ޕްރޮޖްކެޓް ކަމަށް ހެދިއެވެ. އަދި އިންޑިއާގެ އަސްކަރީ ބާރު ވަރުގަދަ ކުރުމުގެ ހަރަކާތްތަކެއް ހިންގަމުން ދިޔައެވެ. އިމެއް ނެތި އުދުހެމުން ދިޔައެވެ.

މި ސަރުކާރުން 251 އަށް ގެނައި އިސްލާހުގައި ވާގޮތުން، މަޖިލީހުގެ އަޣުލަބިއްޔަތުން މެނުވީ، އެއްބަސްވުމެއްގެ ދަށުން ވިޔަސް އަދި އެނޫން ގޮތަކަށް ކަމަށް ވިޔަސް، ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭރުގެ ފަރާތަކަށް ނުދެވޭނެއެވެ. އަދި ތަމްރީނަކަށް ނޫން ގޮތަކަށް ބޭރުގެ އަސްކަރީ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ހުއްދައެއްވެސް ނުދެވޭނެއެވެ.

އަސާސީގެ 262 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ވެސް އެހާމެ މުހިންމު އިސްލާހެކެވެ. ސީދާ ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުމެކެވެ.

އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބުނާ އެއްވެސް މާއްދާއަކަށް މަޖިލީހުން އިސްލާހު ގެނައި ނަމަވެސް އެ އިސްލާހެއް ބިލަކަށް ވާނީ ރައްޔިތުންގެ ވޯޓަކަށް އަހައި އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ. ހަމަ އެހެންމެ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ވެސް ބަދަލެއް ދެން ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އަދި އަސާސީގައި ބުނާ ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ވެސް ބަދަލެއް ދެން ގެނެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެންނެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅާ ގޮތް ނުބަތަ ބަދަލެއް ގެންނަ ނަމަ އެމާއްދާ ވެސް ދެން ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

އެންމެ ފަހުން ނިމިދިޔަ ރިޔާސީ އިންތިހާބަށް ބަލާނަމަ އެއީ 143،332 ވޯޓެވެ. އެ އަދަދު ނުލިބި ދެން އެއިން އެވެސް ބަދަލެއް ނުގެނެވޭނެއެވެ.

އެހެންކަމުން ގާނޫނު އަސާސީއަށް މި ފަހުން ގެނައި 5 އިސްލާހަކީ ރައްޔިތުންގެ ބާރު އެ މައްޗަށް ހިނގާ ގޮތަށް ގާނޫނު އަސާސީ ހިމާޔަތް ކުރެވިގެން ދިޔަ އިސްލާހު ތަކެއް ކަމަށް ދަންނަވަން ޖެހެއެވެ. 'ގާނޫނުއަސާސީގެ ހިމާޔަތުގައި' ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މާލޭގައި ޖަލްސާއެއް ބޭއްވުމަށް، އެކިއެކި ޝިއާރުތައް ފާޅުކުރަމުން ދިޔަ ނަމަވެސް، އަސާސީ ހިމާޔަތް ކުރާނީ ރައްޔިތުން ކަމާއި އެއީ ވަކި ޕާޓީއަކަށް ވީތީ އޮތް ކަމެއް ނޫންކަމުގައި ދަންނަވަން ޖެހެއެވެ.