ކުރީ ސަރުކާރުން އަޅާނުލާ ދޫކޮށްލި މަސްތުވާތަކެތީގެ މައްސަލައަށް ހައްލުހޯދުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަނީ މި ސަރުކާރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާއަށް އެދިއެދި ތިބި އެހެން ނަމަވެސް ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި އެ މައްސަލައަށް މި ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ދުރުކޮށް، ޒުވާނުންނަކީ މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ ބިނާކުރަނިވި ބަޔަކަށް ހެދުމަކީ މިސަރުކާރުން ،އިސްކަންދޭ ކަމެއް. މި ކަމަކީ، ކޮންމެ ރަށަކަށްވެސް މުހިންމު ކަމެއް
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު އެކަން ދެމެހެއްޓެން އޮތީ މި ގައުމަކީ ސުލްހައާއި ހަމަޖެހުން ގާއިމުވެފައިވާ ރައްކާތެރި ތަނަކަށް ހެދިގެން ކަމަށާއި، އެކަން ކުރުމަށް މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްވާން ޖެހޭ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވިޔަފާރީގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭކަމަށާއި މިހާރު އޭގެ ތެރެއިން ގިނަ ބަޔަކު ގައުމުން ޑީޕޯޓްކުރެވިފައިވާކަމަށެވެ. މިދިޔަ އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގައި ޑީޕޯޓް ކޮށްފައިވާ ބިދޭސީންގެ އަދަދު 153 އަށް އަރާ ކަމަށާއި މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 2 ގުނަ އިތުރު އަދަދެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 13435 ތަނެއް ބަލައި ފާސްކުރެވުނު ކަމަށާއި، 655 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އަތުލައިގަނެވިފައި އޮތީ އެންމެ 113 ކިލޯގްރާމް މަސްތުވާތަކެތިކަމަށެވެ.

މި ސަރުކާރުން އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު 1.3 ބިލިއަން ރުފިޔާއަށް އަރާ. މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އަތުލައިގަތް މަސްތުވާތަކެތީގެ އަގަކީ 255 މިލިއަން ރުފިޔާ
ރައީސް މުއިއްޒު

މި ސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ހަގީގީ ހައްލެއް ހޯއްދަވައިދެއްވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް ފުރުސަތު ފަހިކޮށްދޭނެ ބިލެއްވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށެވެ.