ކާބޯތަކެތީގެ ހިދުމަތް ދޭ ކެފޭ ރެސްޓޯރެންޓުފަދަ ތަންތަނުގެ މަނާ ސަރަހައްދުގައި ސިނގިރޭޓު ބޯނަމަ ވިޔަފާރި ހުއްދަ ބާތިލް ކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމި ފިޔަވަޅުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ތަންފީޒީ ކަންކަމަކީ އެންމެ ރަނގަޅަށް ނުވާ ކަންކަން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެއީ ހަމައެކަނި ވިޔަފާރިކުރާ ފަރާތްތަކުން ރަނގަޅު ކުރަން ހުރި ކަންކަން ނޫން ކަމަށެވެ.
އާންމު ފަރުދުންވެސް ވެސް މި ކަންކަމަށް އަމަލު ކުރަން ޖެހޭނެކަން ފާހަގަކުރައްވަމުން ހަސަން މުހައްމަދު ވިދާޅުވީ މީގެ ކުރިން ވިޔަފާރިތަކަށް ފިޔަވަޅު ނޭޅުނު ނަމަވެސް މިހާރު އިސްލާހު ކުރަން ހުށަހަޅާފައިވާ ގާނޫނުން އިތުރު ބާރުތަކެއް މިނިސްޓްރީ އަށް ލިބިފައިވާކަމަށެވެ. އަދި އެއާއެކު އެކަމަށް ފިޔަވަޅު އަޅަާ އިތުރު ހައްލުތަކެއް ހޯދޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭ މައްސަލަ އޮތީ ބޮޑުވެފައެވެ. މިފަހުން ސަރުކާރުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށާއި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ވެސް އިސްލާހުތަކެއް ގެނެސްފައިވާއިރު މި އިސްލާހާއެކު ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ ބޮޑުވެފައެވެ.
އަދި މިދިޔަ މަހުގެ 15 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާއިރު، މި މަހުގެ 15 އިން ފެށިގެން އެ ތަކެތި ބޭނުންކުރުމާއި ވިއްކުންވެސް މަނާވާނެ އެވެ.