ދުންފަތާ ދުރަށް ދާން ބޭނުންވާ މީހުންނަށް އެހީވުމަށް ސިޒޭޝަންގެ ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ކުއިޓް ލައިންގެ ހިދުމަތް ފެށުމަށް ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމި ފިޔަވަޅުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވީ ސިޒޭޝަންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކުއިޓް ލައިންއެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.
24 ގަޑިއިރު ހިދުމަތް ލިބެން ހުންނަ މި ހިދުމަތް މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ކުއިޓް ލައިންގެ ނަމްބަރަކީ 1676 އެވެ.
މީގެ އިތުރުންވެސް ދުންފަތާ ދުރުވާން ބާރުއެޅުމަށް ދުންފަތާ ދުރުވުމުގެ ފަރުވާއަށް ބޭނުންވާ ނިކޮޓިން ޕެޗު، ގަމް ފަދަ ތަކެތި އާސަންދައިން ކަށަވަރުކުރާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއާގެ ހިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާއިރު ކައުންސިލުތަކުން އިސްނަގައިގެން ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
އަދި ދުންފަތް ކޮންޓްރޯލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެ އަމަލާ ދުރަށް ދިޔުމަށް އެހީވެދޭ ޓޮބޭކޯ ސިޒޭޝަން ކްލިނިކުތައް ރާއްޖޭގެ ހުރިހާ ރަށަކާއި ސިޓީތަކުގައި ގާއިމްކުރަން ރައީސް ނިންމެވީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ. މި ނިންމެވުމާ އެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލްތައް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ވެސް ރައީސް ވަނީ ނިންމަވާފައެވެ.
މިހާރު ދިވެހިރައްޔިތުންނަށް ނުކުރެވި އޮތްކަމަކީ ދުންފަތާ ދުރުވުން