ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލމުމުގެ ދަށުން ނަގާ ކ. ގުޅިފަޅު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ބެލުމުގެ ދަށަށް ބަދަލުކޮށްފިއެވެ.
އެފްޑީސީ އިން ބުނީ މާލެ ސަރަހައްދުގައި ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ގުޅިފަޅު އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި އެގޮތުން ލިޔެކިޔުންތައް ބަދަލުކުރުމާއި މަޝްވަރާތައް ކުރިއަށްދާކަމަށެވެ.
ގުޅިފަޅާ ގުޅޭގޮތުން ހަދާފައި ހުރި އެގްރިމަންޓުތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް އެފްޑީސީ އިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެޗްޑީސީ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެފްޑީސީ ހަމަޖައްސަން ކެބިނެޓުން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން ކުންފުނިތަކަށް ފައިދާ ކުރާނެ ކަމަށާއި، އެއް ބާވަތެއްގެ މަސައްކަތް ކުރާ ކުންފުނިތައް ހުރުމުން އެއްކަމެއް ތަކުރާރުކޮށް ކުރަންޖެހޭ ޖެހުން ނިމުމަކަށް އައިސް މަސައްކަތް ހަލުވިވެ ފަސޭހަވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
އެޗްޑީސީ އަކީ ހައުސިން ޑިވެލޮޕްމަންޓް ޔުނިޓްގެ ގޮތުގައި އުފެދުމަށް ފަހު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށް އޭގެ ފަހުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށްފައިވާ ކުންފުންޏެކެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެކުރިން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ތެރެއިން މެދު ފަންތި އާއި މަތީ ފަންތި ނުހިމަނާ އަސާސީ ބޯހިޔާ ވަހިކަމުގެ މަޝްރޫތައް ކުރިއަށް ގެންދަންޖެހޭ ކުންފުންޏަކީ އެފްޑީސީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހިޔާ މަޝްރޫއު ފަދަ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެޗްޑީސީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިގެން އެޗްޑީސީއަށް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށާއި އެހެންކަމުން އެފްޑީސީއަށް އެކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކުރީ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.