ކ. މާފުށީގައި ގެސްޓްހައުސް ހިންގުމަކީ ހައްޖު ކޯޕަރޭޝަނަށް ފައިދާ ވާނެ ގޮތެއްތޯ އެ ކުންފުނީގެ ބޯޑުންނާއި ހިއްސާދާރުން ވިސްނާލަން ޖެހޭ ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ކުރީކޮޅު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ، ހެޔޮ އަގުގައި އާންމުންނަށް ހައްޖަށް ދެވޭނެ ގޮތްތައް ފަހިކޮށްދޭން ހައްޖު ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.

ކޮމިޓީ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ހައްޖަށް މީހުން ފޮނުވަނީ ގެއްލުމުގައި ކަމަށާއި، އެވަރެޖްކޮށް ގާތްގަނޑަކަށް ލައްކައެއް ކޮންމެ ހައްޖުވެރިއަކަށް ހަރަދުވެގެން ދާ ކަމަށެވެ. އެގޮތަށް ބަލާނަމަ 3000 މީހުން ހައްޖަށް ގެންދަންޏާ ހައްޖު ކޯޕަރޭޝަނުން 30 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ބޭރު ފައިސާ ހޯދަން މާފުށީގައި ގެސްޓްހައުސެއް ތަރައްގީކޮށް ހަލާލް ފަތުރުވެރިކަން ތައާރަފްކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސުވާލުކުރުމުން ޒަމީރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ މައިގަނޑު މަސައްކަތަކީ އެ ކުންފުންޏަށް ލިބޭ ފަންޑުން މީހުން ހައްޖަށް ފޮނުވުން ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ގެސްޓްހައުސް ހިންގުމަކީ އެންމެ ފައިދާހުރި ގޮތްތޯ ވިސްނާލަން ޖެހޭ ކަމުގައި ޒަމީރު ވިދާޅުވިއެވެ.

"އެއީ އާންމު ގޮތެއްގަ އެކްސެސް ފަންޑު ހުރެއްޖެ ކަމަށް ވެއްޖިއްޔާ އެކަމުގެ ސްޕެޝަލިސްޓުންނާ ހަވާލުކޮށްގެން ފަންޑު މެނޭޖުކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދައިފިކަމަށް ވެއްޖިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށް މި ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

މަޓާޓޯ އާއި އެމްއެމްޕީއާރުސީ އަށް އިޝާރާތްކުރައްވައި ފަތުރުވެރިކަމަށް އިންވެސްޓްކުރެވޭ ކުންފުނިތައް ސަރުކާރުގައި ހުރިކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކުން ރިސޯޓާއި ގެސްޓްހައުސްގެ ވިޔަފާރިއަށް ވަނުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.