ބޭރުގެ މާލީ އޭޖެންސީތަކުން ރާއްޖެ ބަނގުރޫޓުވާ ވާހަކަ ދެއްކުން ހުއްޓާލައިފިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 124 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބަޔަކީ ވޭތުވެދިޔަ ފަސް އަހަރުގެ ދަރަނި ކަމަށެވެ.

ޒަމީރު ވިދާޅުވީ، ލިބޭ އާމްދަނީގެ 24 ޕަސެންޓު ދަރަނި ދެއްކުމަށް ހޭދަކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދައްކަން ޖެހޭ ތާރީހުތަކަށް ދަރަނިތައް ދައްކަން މަސައްކަތްކޮށް އާންމުންނަށް ހިދުމަތް ދޭން މަސައްކަތްކޮށްފިނަމަ އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތަށް ރާއްޖެ ބަނގުރޫޓުވާނެ ކަމަށެވެ.

"އެކަމަކު މިހާރު ރައީސް އެ ސިނާރިއޯ އިން އިރާދަކުރެއްވިއްޔާ ރާއްޖެ ނެރެ، ރެވެނިއު ސްޓްރީމްތައް ރަނގަޅުކޮށް، އަދި އޭގެ އިތުރުން ހަރަދުތައް ރެޝަނަލައިޒްކޮށް ހަމަ އެއާ އެއްކޮށް އަޅުގަނޑުމެން ދައްކަން ޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތު އިތުރުކޮށް ބައިލެޓަރަލީ މަސައްކަތްކުރައްވައިގެން ރަހުމަތްތެރި ގައުމުތަކާ އެކު މަސައްކަތްކުރައްވައިގެން އެ ހުރިހާ ކަމެއް މިހާރު ހުރީ ހަމަޖެހިފަ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެ ބަނގުރޫޓުވުމުން ގާތްގަނޑަކަށް ސަލާމަތްވެއްޖެ ކަމަށާއި، ރާއްޖެ ބަނގުރޫޓުވާ ވާހަކަ ކްރެޑިޓް އޭޖެންސީތަކުން ދެއްކުން ހުއްޓާލައިފި ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރު ނުވަތަ ޖީޑީޕީގެ %116 އާ އެއްވަރަށެވެ. އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަކީ ބޭރުގެ ދަރަނި ކަމަށާއި ބޮޑު ބައެއް ދައްކަންޖެހެނީ ޗައިނާ އާއި އިންޑިއާ އަށް ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2' އަށް ދަށްކޮށްފައެވެ.