ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ހިންގާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިފަދައިން ނިންމެވީ 2024 ޑިސެމްބަރު 1 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުނު ކަރުދާހުގައިވަނީ، ރީހެބިލިޓޭޝަން ފްރޭމްވާކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި، ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލު ކުރުމަށެވެ.

އަދި ހަމައެހެންމެ ރިހެބިލިޓޭޝަން ފްރޭމްވާކާއި، މައާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ހުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށް އެ ކަރުދާހުގައިވެ އެވެ.

އެގޮތުން، އެ ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ހަވާލުކުރެވި، އެކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށްވެސް ހަމަޖައްސަވާފައިވެ އެވެ.