މިދިޔަ އަހަރު ތެރޭ ހދ. އަތޮޅު ކައުންސިލުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރި ދަތުރަކަށް 9.5 ލައްކަ ރުފިޔާ ހޭދަކޮށްފައިވާ އިރު އެ ދަތުރުން ލިބުނު ތަޖުރުބާއިން ކައުންސިލްތަކަށް މަންފާ ލިބޭ ކަމެއް ކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ހދ. އަތޮޅު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި، ހދ. އަތޮޅު ކައުންސިލްގެ އިދާރާއިން 952،885 ރުފިޔާ ހަރަދުކޮށްގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތައިލޭންޑްގެ ބެންކޮކް ސިޓީއަށް ދަތުރެއް ވަނީ ކޮށްފައެވެ. އެ ދަތުރުގައި އެ ކައުންސިލްގެ ހުރިހާ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖްމަންޓްގެ މުވައްޒަފުން ހިމެނޭހެން 20 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
10 ދުވަހަށް ކުރި މި ދަތުރުގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން، މިއީ ތައިލޭންޑްގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ތަޖުރިބާ އާއި ތަމްރީން ހޯދުމަށް ކޮށްފައިވާ ދަތުރެއް ކަމަށާއި ދަތުރުގެ ބައިވެރިންގެ ކެޕޭސިޓީ އިތުރު ކުރުމާއި، އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑްގެ އިންވެސްޓަރުން ހޯދުން ހިމެނެއެވެ. ނަމަވެސް މި ދަތުރުން ހާސިލް ކުރަން ބޭނުންވާ ކަންކަމާއި މި ދަތުރުން ލިބޭ ތަޖުރިބާ ކައުންސިލްތަކުގައި ބޭނުން ކުރާނޭ ގޮތް ދަތުރުކުރުމުގެ ކުރިން ކަނޑައަޅާފައި ނުވާ ކަމަށާއި، ދަތުރުން ހާސިލް ކުރަން ރާވާފައިވާ ކަންކަން ސާފު ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
މި ދަތުރަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ތައިލެންޑްގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ފީ އަދި ކެއުމުގެ ހަރަދަށް 535،213 ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ހަމައެއާއެކު 20 ބައިވެރިންގެ ދަތުރުގެ ހަރަދަށް ދެ ދުވަހަށް 133،229 ރުފިޔާ އާއި، 20 ބައިވެރިންގެ ޕޮކެޓް މަނީއަށް 46،260 ރުފިޔާ އާއި، 20 ބައިވެރިންގެ މާލޭގެ ދަތުރުގެ ހަރަދަށް 28،000 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. މީގެ އިތުރުން ޑޮމެސްޓިކް ޓިކެޓްގެ ހަރަދަށް 72،020 ރުފިޔާ އާއި ތައިލެންޑަށް ކުރި ދަތުރުގެ ޓިކެޓަށް 138،163 ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
މި ދަތުރަކީ ކައުންސިލްގެ މަސައްކަތާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީ ކުރުމަށް ކުރި ދަތުރެއް ކަމުގައި ވީ ނަމަވެސް ދަތުރު ނިމި 1 އަހަރުގެ މުއްދަތެއް ފާއިތުވި އިރު ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި މި ދަތުރުން ހޯދި ތަޖުރިބާ އާއި ފަންނާއެކު އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން އެ ކައުންސިލަށް 2023 ވަނަ އަހަރު ލިބުނު އާމްދަނީން އަތޮޅުގެ ތަރައްގީއަށް ފައިދާ ކުރާނެ ކަމެއް ކުރުމުގެ ބަދަލުގައި އެ އިދާރާގެ އާމްދަނީ އާއި ބްލޮކް ގްރާންޓްގެ ގޮތުގައި ލިބިފައިވާ ފައިސާ އިން ބޮޑު އަދަދެއް މި ދަތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ނުވާ ދަތުރަކަށް ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ޓްރޭނިން އަށް ހިންގާ ހަރަދުތައް ދައުލަތުގެ ބަޖެޓުން ކުރުމުގެ ބަދަލުގައި ބޭރުގެ ފަރާތްތަކާ މަޝްވަރާ ކޮށްގެން ސްޕޮންސާ ހޯދައިގެން ހަރަދު ކުރުމަށް ލަފާ ދޭ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ އިރު އިގްތިސޯދީ ގޮތުން ރަށްރަށަށް ފައިދާ ވާނެ ކަންކަމަށް ހަރަދު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ތިޔަކަހަލަ ދަތުރެއް ތ. ޢަތޮޅުކައުންސިލުން ޗައިނާ އަށް ގޮސްގެން އުޅެނީ. ނޭގެ ތިޔަމީހުންގެ ފަރާތުންވާނެ ކަމެއް