އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހަދައިފައިވާ ވަގުތީ ފަސްގަނޑުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދައާ ނުލައި ވެލި ނުނެގުމަށް އެންގުމާއެކު އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ފާޑުވިދާޅުވުމުން އެ ވާހަކަތަކަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރައްދު ދެއްވައިފިއެވެ.
އަލީ ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ ބޭނުންތަކަށް އެ ވެލި ނަގަން ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށް އެ ވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި، މިކަން ކޮށްފައި ވަނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންޖިނިއަރުން ލައްވާ ސޮއިކުރުވައިގެން ކަމަށެވެ.
މީގެއިތުރުން ނިޒާރު ވިދާޅުވީ މި ކަމަކީ ދައުލަތް ހިންގަން ހަދާފައި ހުރި ގާނޫނުތަކާ ފުށުއަރާ 'ޖާހިލު' ނިންމުމެއް ކަމަށާއި، ލާމަރުކަޒީ ގާނޫނު ފުޑާލަން އިތުރު ކުރި ބޮޅެއް ކަމަށެވެ.
ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެފަދައިން އެންގީ އައްޑޫގެ ލިންކު ރޯޑު ހެދުމަށް ގިނަ އަދަދަކަށް ވެލި ބޭނުންކުރަން ޖެހޭނެކަމަށް ފެންނާތީ އާއި އައްޑޫއަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށްނުވާތީ ކަމަށެވެ.
މީގެއިތުރުން މުއްތަލިބު ވިދާޅުވީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށްވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ ކައުންސިލުން އެދުމުން އެވެލި ދޫކުރުމަށް މިނިސްޓްރީން ދެކޮޅެއް ނުހަދާނެ ކަމަށެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކޮށްފައިވާ ހަންކެޑެ ބްރިޖުގެ މަޝްރޫގެ މަސައްކަތް ނިންމާ އަންނަ މަހު އެ ބުރިޖު އާންމުންނަށް ހުޅުވާލާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ އޮގަސްޓު މަހު ބުނެފައެވެ. މި މަޝްރޫއުގެ ދަށުން 1.4 ކިލޯމީޓަރުގެ ހަތަރު ލޭނުގެ ބްރިޖެއް ވަނީ ތަރައްގީކޮށްފައެވެ.