ހުޅުމާލޭގައި ބިނާ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓްގެ މަސައްކަތަށް ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކައިފިކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހަމްދާން ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރުވެސް އެ މަޝްރޫއަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައިނުވާކަމަށާއި އެކަމުގެ ސަބަބުން ފްލެޓްތަކުގެ މަސައްކަތް ނިންމުން ލަސްވެގެން ދިޔަ ކަމަށެވެ.

ހަމްދާން ވިދާޅުވީ މި ސަރުކާރުން ވަނީ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މި ފައިސާ ދައްކާފައިކަމަށާއި، އެއާއެކު ކޮންޓްރެކްޓު ކުރަމުން އައި މަސައްކަތްތަކަށް އިސްލާހުތަކެއް ގެނައުމަށްފަހު މަސައްކަތް އަވަސްވާނެ ގޮތްތަކެއް ހަމަޖައްސާފައިވާކަމަށެވެ.

މިދިޔަ ދައުރު ނިމުނު އިރު ގާތްގަޑަކަށް އޮތި %31 މަސައްކަތް ނިންމާފައި. މި ސަރުކާރު ހަވާލުވުމަށަފަހު ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި %32 މަސައްކަތް ނިންމި. ބޮޑު ތަނުން މަސައްކަތް ވަނީ އަވަސްކޮށްފައި
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް

ޖުމްލަ 4000 އެޕާޓުމަންޓް ހިމެނޭ 32 ޓަވަރުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިންޑިއާގެ 2 ކުންފުންޏެއް ކަމަށް ވާ ކޭޕީއައިއެލް އާއި އެންބީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.

ކޭޕީއައިއެލްއިން ތަރައްގީކުރަމުންދާ 16 ޓަވަރަށް "އަމާން އުދަރެސް" އަދި އެންބީސީސީން ތަރައްގީކުރަމުންދާ 16 ޓަވަރަށް ދީފައިވާ ނަމަކީ "އަމާން ދޯދި"އެވެ. ހަމްދާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މި 4000 ފްލެޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމެވެ.

މި 2 މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.