ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަކުރެއްވި ކަމަށް ދެކެވެމުންދާ ވާހަކަ ދޮގުކޮށްފިއެވެ.

މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދު، ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި މިއަދު ހެނދުނު ބައްދަލުކުރެއްވި ކަމަށް ބުނެ "އަދަދު" ނޫހުން ވަނީ ހަބަރެއް ޝާއިއުކޮށްފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނީ މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދު ބައްދަލުކުރެއްވި ކަމަށް ބަޔާންކޮށް ލިޔެފައިވާ އެ ހަބަރަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެ 2 ބޭފުޅުން މިއަދު ބައްދަލުކުރައްވާފައިނުވާ ކަމަށެވެ.

ކްލައިމެޓް ވެލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވުމަށް ރައީސް ނަޝީދު ވަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ރައީސް ނަޝީދު ވަނީ މާލެ ވަޑައިގެންފައެވެ.

ސީވީއެފް އަކީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތައް ތަމްސީލުކުރުމަށް އެ ގައުމުތަކުގެ އިސްވެރިންނާއި ވަޒީރުންނާއި ސަރުކާރުގެ އެހެނިހެން ލީޑަރުން ބައިވެރިވެގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. ރާއްޖެ ހިމެނޭހެން 58 ގައުމަކުން ބައިވެރިވެގެން އުފައްދާފައިވާ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ ގާނާ ގައެވެ.