އަންނަ އަހަރު ޅ. އަތޮޅުގައި ބަޔޯސްފިއާ ރިޒާވެއް ގާއިމުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސާވޭކުރުމުގެ މަަސައްކަތް ފައްޓަވާނެ ކަމަށް އެންވާރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގައި އިތުރު 3 ބަޔޯސްފިއާ ރިޒާވް އާއި އިތުރު ނޭޗާ ޕާކުތައް ކުރިއަށް އޮތް 5 އަހަރުގެ ތެރޭ ގާއިމުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، ބަޔޯސްފިއާ ރިޒާވް ގާއިމުކުރުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުމުން ޕްރޮޕޯސަލް ފޮނުވާފައިވަނީ ހަމައެކަނި ޅ. އަތޮޅުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ސާވޭގެ މަސައްކަތް ފެށުމާއެކު ދޮޅު އަހަރުގެ ތެރެގައި އެޕްލިކޭޝަންގެ ހުރިހާ މަސައްކަތެއް ނިންމާ ޔުނެސްކޯގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނުމަށް ހުށަހެޅިގެންދާނެކަމަށެވެ. މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ބަޔޯސްފިއާތައް ގާއިމުކުރެވުމާއެކު ގުދުރަތީ ރީތިކަން ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުން ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ޖުލައި މަހު ދިވެހިރާއްޖޭގެ އިކޯސިސްޓަމް އެޓްލަސް އެކުލަވާލުމަށް ގްރޫޕް އޮފް އާތް އޮބްޒަވޭޝަންސް އާއެކު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި ސޮއިކުރުމާއެކު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެއެވެ. މި އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެގޮތުން ގައުމީ ފެންވަރުގައި ގުދުރަތީ ޕާކުތަކާއި، ބަޔޯސްފިއާ ރިޒާވްތަކާއި، އިކޯޓޫރިޒަމް ކުރިއެރުވުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ އިތުރުން، ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭންގެ ދަށުން އިތުރު އަމާޒުތަކެއް ކަނޑައެޅުމުގެ މަސައްކަތްވެސް މި އެމްއޯޔޫގެ ދަށުން ކުރާނެ ކަމަށް އެންވާރަމެންޓު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.