ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އާއި ސާޖަންޓް އެޓް އާމްސް ތަލްހަތު ހަސަން އެ މަގާމުތަކުގައި ބައިތިއްބަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން ނަމަ އަލަށް އެކުލަވާލާ މަޖިލީހުގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އަމީންއާންމާއި ކައުންސެލް ޖެނެރަލާއި ސާޖަންޓް އެޓް އާމްސްގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުން އެ މަގާމުތަކުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ވާނެއެވެ.
އެ ބޭފުޅުން މަގާމުތަކުން ވަކިކުރަން މަޖިލީހުން ނިންމައިފިނަމަ ދެވަނަ ދައުރު ނިމުމުގެ ކުރިން އެ މަގާމުތަކަށް އެހެން ބަޔަކު އައްޔަންކުރަން ޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ގަވައިދުގައި ވެއެވެ.
އެހެންކަމުން ނިއުޝާ އާއި ފިލްޒާ އާއި ތަލްހަތު މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ތިން ބޭފުޅުންގެ މަގާމުތައް ދެމެހެއްޓުމަށެވެ.
ތިން މަގާމުގެ ވެސް މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ފަހު އެންމެ އިސް ބޭފުޅަކީ އަމީންއާންމެވެ.