ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.
އެފްޑީސީން ބުނީ 'އަމަން އުދަރެސް' އަދި 'އަމަން ދޯދި' ގައި ހިމެނޭ ކޮމާޝަލް ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ފެށޭ ހަފްތާ ހުޅުވާލާނެ ކަމަށެވެ.
އެގޮތުން 32 ޔުނިޓުގައި 127 ކޮމާޝަލް ޖާގަ ހުންނައިރު އޭގެ ތެރޭގައި ރީޓެއިލް ފިހާރަތާއި ސުޕަމާކެޓާއި ހައިޕަމާކެޓު ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެއެވެ. އަދި މީގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކާއި ކްލިނިކްތަކާއި އޮފީސްތައް ހިންގަން ބޭނުންވާ ޖާގަ ވެސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.
580-6،200 އަކަފޫޓުގެ މި ޖާގަތައް ދޫކުރުމުގައި ހިންގާ ވިޔަފާރީގެ ކުޑަ ބޮޑު މިނައް ބަލައި ޖާގަ އިތުރު ކުރެވޭނެ ފުރުސަތު ވެސް އެ ކޯޕަރޭޝަނުން ފަހިކޮށްދޭނެ ކަމަށް ވެއެވެ. ކޮމާޝަލް ރޭޓުތަކުގެ އަގު އުޅޭނީ މާކެޓު ރޭޓުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ކޮމާޝަލް ޔުނިޓްތައް ހުންނާނީ ހުރިހާ ޓަވަރެއްގެ ގްރައުންޑު ފްލޯއާއި އެއް ވަނަ ފްލޯގައެވެ.
6 ޒޯނަކަށް ބަހާލައިގެން ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލަން ނިންމާފައިވާއިރު އަންނަ ހަފުތާގައި ދޫކުރަނީ ޒޯން 1 ކަމަށް އެފްޑީސީން މައުލޫމާތު ދެއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ހުޅުވާލާ އެ ފުރުސަތުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިއީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ވީހާވެސް ގާތުން އަދި ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި ދޫކުރުމަށް ނިންމާފައިވާ ކޮމާޝަލް ޖާގަތަތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެފްޑީސީން ތަރައްގީކުރަމުން އަންނަ ޓަވަރުތަކަކީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް އަޅާ ޓަވަރުތަކެކެވެ.'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ގެޒެޓްކޮށްފައި ވީ ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ވަނީ މައްސަލަ ބަލާފައެވެ.
އޭސީސީއިން އެ މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ޝަތުރު ހަމަވެ އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުން 20.7 ޕަސެންޓް ފޯމުގައި ކަމަށެވެ. އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން ޝަތުރު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ފާހަގަ ކުރި އެންމެ މުހިންމު ނުކުތާ އަކީ މުޅި ލިސްޓުގެ 59.6 ޕަސެންޓް މީހުން ނުވަތަ ފޯމްގައި ޝަތުރު ހަމަނުވާ ކަމަށެވެ.
އެހެންކަމުން މި ސަރުކާރުން އޮތީ އާ ލިސްޓް އިއުލާންކުރުންވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.