އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެކަމުގެ ޔަގީންކަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަރުވައިފިއެވެ.

އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގައި މިއަދު އެމްޑީޕީގެ ފަރާތުން ހުށަހެޅި "އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލާ ގަރާރު" ބަލައިނުގަތުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ވޯޓު ދިނީ މިއަދު މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގާލުމުގެ ބޭނުމުގައި ހެޔޮ ނިޔަތެއް ނެތި މަޖިލީހަށް ވެއްދި ގަރާރެއް ކަމަށް އެ ޕާޓީއަށް ފެންނާތީ ކަމަށެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. މި ގަރާރުގައި ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް ބަޔާން ނެރުން ފިޔަވައި ސަރުކާރުން އެެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ނަމަވެސް ޕީއެންސީ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ބައިނަލް އަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކޮށް، ގާޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާމެދު ޖަވާބުދާރީ ކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ އެއް ލީޑަރަކީ ރައީސް މުއިއްޒު ކަމަށެވެ.

ދިވެހިރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ކުރާކަން، ރާއްޖޭގެ ރައީސްކަން ކުރީން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންވެސް ދަނީ މީޑިއާގައި ފާހަގަކުރައްވަމުން
ޕީއެންސީ

މީގެއިތުރުން ޕީއެންސީ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ވެދިނީވެސް ޕީއެންސީ އިން ސަރުކާރު ހިންގުމުގައި މި ހޭދަކުރި އެއް އަހަރުގެ ތެރޭގައި ކަމަށެވެ.

އަދި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާ މި ޕާޓީ ވެސް ދެމިއޮންނާނީ ފަލަސްތީނުގެ ހައްގުގައި ކަމުގެ ޔަގީންކަން ޕީއެންސީ އިން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.