ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ސިޓީ ހިތަދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވުނީ އައްޑޫ ސިޓީގެ ހިތަދޫއަށްކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ހިތަދޫއަށް 110 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ކުރަމުންދާ ވިއްސާރަ ކަމަށެވެ. އަދި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މި ވިއްސާރަ ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖެ ސަރަހައްދަށްކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ބ އަތޮޅުން ފެށިގެން ވ އަތޮޅަށް މެންދުރުފަހު 1:00އާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި، ގުގުރައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި މެންދުރުފަހު 1:30އާ ހަމައަށް މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.