މަސްތުވާތަކެތީގެ މައްސަލައިގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށް ހަލު ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ގޭ ބަންދަށް ދޫކޮށްފައި ހުރި 65 އަހަރުން މަތީގެ މީހަކު މަސްތުވާތަކެއްޗާ އެކު މިއަހަރު ދެވަނަ ފަހަރަށް ހައްޔަރު ކޮށްފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ހެޑް އޮފް ޑްރަގް އެންޕޯސްމަންޓް، ސުޕްރިންޑެންޓް ނާހިދު ހުސައިން ވިދާޅުވީ، އުމުރުން 65 އަހަރުގެ މުހައްމަދު ސަލީމް، ފެރޯ މާގެ، ރ. އިންނަމާދޫ، ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ހިޔާ ޓަވަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން އޭނާ ބަލައި ފާސްކުރި އިރު އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 13 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމުން އެތަނުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މި މީހާއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮތް މީހެކެވެ. އެގޮތުން 2016 ވަނަ އަހަރު ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި ކްރިމިނަލް ކޯޓުގައި މި މީހާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އަދި މާޗް 17، 2019 ގައި އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. އަދި މި ހުކުމް އޮކްޓޯބަރު 6، 2022 ގައި ހައިކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.
މި މައްސަލައިގައި ސަލީމް ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ޖުލައި 8، 2021 ގައި ސަލީމް ވަނީ ގޭބަންދަށް ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި އަހަރު ތެރޭ ޑައިފޯމިން ޓްރެފިކް ކުރުމުގެ އިތުރު މައްސަލައެއްގައި މި މީހާގެ މައްޗަށް ދައުވާ އުފުލައި ހުޅުމާލެ ކޯޓުގައި ޝަރީއަތް ހިނގަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.