މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައި އެމީހާއަށް ބިރު ދައްކައިގެން ގެންގޮސް ކަމަށާއި މި މައްސަލައިގައި އެ ފްލެޓްގެ ވެރިމީހާ ވެސް ބައިވެރިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ބުނީ، މީހަކު ރަހީނުކޮށްގެން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއެކު އެމީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އެ ގޮތުން އެމީހާ ރަހީނުކޮށްފައި ވަނީ ހިޔާގެ 9 ވަނަ ޓަވަރުގައި ކަމަށާއި ނަމަވެސް ކޮން އެޕާޓްމަންޓެއް ކަން ހޯދީ ސީސީޓީވީ ފުޓޭޖް ބަލައިގެން ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ ރަހީނުކޮށްފައި ވަނީ އެ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގައި ކން އެނގުމުން ލަސް ނުކޮށް އެމީހާ ސަލާމަތް ކުރުމަށް ފުލުހުން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން އެޕާޓްމަންޓްގެ ތަޅު ހަލާކުކޮށްލައިގެން އެތެރއަށް ވަތް އިރު ބެލްކަނީގައި ހުރި ގޮނޑިއެއްގައި ރަހީނުކޮށްފައި ހުރި މީހާ ބައިންދާ ފައި އިން ކަމަށާއި އޭރު އެމީހާގެ އިސްތަށިގަނޑާއި ތުނބުޅި ވަނީ ބާލާފައި ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ބައިންދާފައި އިން ދިމާލު ތަޅުން މަތީގައި ބާލާފައި ހުރި އިސްތަށިތައް ވެސް ހުރި ކަމަށް ފުލުހުން ބުނެއެވެ.

ސީރިއަސް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް އަދި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ސާމީ

އެތެރެއަށް ވަނުމާއެކު އެމިހާ ވަނީ ފުލުހުންނަށް އެތަނަށް އާދެވުނީ އޭނާގެ އިންގިލި ބުރިކޮށްލަން އުޅެނިކޮށް ކަމަށް އެމީހާ ބުނި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭރު ރަހީނުކޮށްފަިއވާ މީހާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށާއި އެ ތަނުން އެމިހާ ނެރެގެން ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ވިކްޓިމްގެ ފަރާތުން އެނގުނު ގޮތުގައި އެތަނަށް އޭނާ ގެނެސްފައި ވަނީ ފައިސާގެ މައްސަލައެއްގަިއ ބިރު ދައްކައިގެން ކަމަށާއި އަދި ގެނެސް އޭނާއަށް އިންޒާރުދީ ފޯން އަތުލައި އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ބޭލީ އެތަނުގައި ތިބި މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަލްމާން އަލީ ހާލިދު (22އ)، ގދ. ވާދޫ އާއި މުހައްމަދު އިޒްކާން (18އ)، ކ. މާލެ އާއި އިޒާން އަހުމަދު (18އ)، ކ. ގުރައިދޫ އާއި އަހުމަދު ޒާހިދު (36އ)، ށ. ފޯކައިދޫ އާއި އާދަމް ހުސައިން (48އ)، ލ. މާވަށް އެވެ. މީގެ އިތުރުން އިބްރާހިމް ނަޝީދު (34އ)، ލ. އިސްދޫ އާއި އަހުމަދު ސަމީހު (22އ)، ބ. ގޮއިދޫ އާއި އިސްމާއިލް ވިޝާމް މުހައްމަދު (29އ)، ކ. މާލެ އާއި ވިޝާމް މުހައްމަދު (23އ)، ގދ. ވާދޫ އާއި ވިޝާން މުހައްމަދު (30އ)، ހުޅުމާލެ އާއި މުސްތާގު ޝާކިރު (37އ)، ގދ. ވާދޫ އަދި ހައްސަން ގާލިބު (38އ)، ކ. މާލެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުން / ފޮޓޯ: ޕޮލިސް

އެ އެޕާޓްމަންޓަކީ މަސްތުވާތކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުން އަންނަ ތަނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ޕާޓްމަންޓް ބަލައި ފާސްކޮށްފައި ވަނީ ހުޅުމާޅެ މެޖިސްތްރޭޓް ކޯޓުން ނެރުނު އަމުރަކާއެކުގައި ކަމަށާއި އެ އެޕާޓްމަންޓުން ވަނީ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން ޓައިގާ ބްރޭންޑްގެ ބަންގުރާ ކަމަށް ޝައްކު ކުރެވޭ 11 ދަޅު، މަސްތުވާތަކެތި ހުރި އެއްޗެއް ކަމަށް ޝައްކު ކުރެވޭ އެއް ފިލްމް ހުސްކުރި ދަޅު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 19 ސެލޯފިންކޮޅު، މަސްތުވާތަކެތި ހުރި އެއްޗެއް ކަމަށް ޝާއްކު ކުރެވޭ 17 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެ އެޕާޓްމަންޓް ތެރެއިން ވަނީ ވިކްޓިމްގެ އަތުން އަތުލި އޭނާގެ ފޯން ވެސް ފެނިފައި ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ ޕާޓްމަންޓް ތެރެއިން ޓރިމަރަކާއި ކަތުރަކާއި ކިވީ ބްރޭންޑްގެ ވަޅި އަކާއި ކަޓަރު ތިލައެއް ވަނީ ފެނިފައެވެ. އަދި ނޮކިއާ ބްރޭންޑްގެ ދެ މޯބައިލް ފޯނާއި 16700 ދިވެހި ރުފިޔާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓްގައި ތިބި މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ ޔޫރިން ސާމްޕަލް ދިނުމަށް އެދުނު ނަމަވެސް އެކަކު ފިޔަވާ އެންމެން ސާމްޕަލް ދިނުމަށް ވަނީ އިންކާރުކޮށްފައި ކަމަށެވެ. އަދި ޔޫރިން ސާމްޕަލް ދީފައި ވަނީ އެއީ އެ ފްލެޓް ލިބިފައިވާ ލ. މާވަށް، ޖަމީލާ މަންޒިލް، އާދަމް ހުސެއިން އެވެ. އޭނާގެ ޔޫރިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެއެވެ.