މި ސަރުކާރުން ކުރިއަށް ދާނީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދަދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ ކަމަށެވެ. އަދި މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭރު ފައިސާގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. މިއީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި އިސްލާހާއެކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރުން އެ ގަވާއިދުގެ ދަށުން ވަނީ ލާޒިމުކޮށްފައެވެ. އަދި އެކަމާ ގުޅިގެން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ވިޔަފާރިވެރިން އަދި ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.