ބަންކަރިން ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ ގޮތުން ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހަފުތާ 52ގެ ނަމުގައި ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވި މެދުރާސްތާގެ އިސްތިރާޖީ ތިން އަހަރުގެ ޕްލޭން ފިޔަވައި އެއްވެސް މެދު ރާސްތާގެ ރިޕޯޓެއްގައި ފަތުރުވެރިކަން ފިޔަވައި އެހެން ސިނާއަތަކުން އާމްދަނީ ލިބޭނެ ގޮތެއް ހިމަނާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އިގުތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފައިވާކަމަށާއި އޮފް ޝޯ ހިދުމަތެއްގެ ގޮތުގައި ފަށައިގެން 1.5 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރުވެސް އެސްޓީއޯ އިން ހޯދާފައިވާކަމަށެވެ.

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫއާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބަނދަރު ހަދާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ފައިނޭންސިން ސެންޓަރު ވެސް މިހާރު ގާއިމްކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރާއްޖެއަށް މިވަގުތު ލިބޭ އާމްދަނީއަށް ބަލާއިރު ސަރުކާރަށް ވަންނަނީ 65 މިލިއަން ރުފިޔާ ކަމަށެވެ. އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 96 މިލިއަން ރުފިޔާ ހިނގާއިރު ދުވާލަކަށް 40 މިލިއަން ރުފިޔާ ދަރަނިވެރިވާކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖެ މި ހާލަތުގައި އޮތްއިރު، ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާ ފަދަ ސިޔާސަތުތަކެއް ތަންފީޒު ނުކުރާ ނަމަ މާޒީ ތަކުރާރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަށް އެސްޓިއޯ އިން ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.