ބަންކަރިން ހިދުމަތުން މިހާތަނަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތާ ގުޅިގެން ސަރުކާރަށް ފަޑުކިޔުންތައް އަމާޒުވިނަމަވެސް އެ ހިދުމަތުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ ނިޔަލަށް 730 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު ބަންކަރިންގެ ހިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ.
"މާރޗު 31އާ ހަމައަށް 730 މިލިއަން ރުފިޔާ އިންޓަނޭޝަނަލް ބަންކަރިންގެ ވިޔަފާރި ފެށިފަހުން ލިބިފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
އިހަވަންދިއްޕޮޅުގައި 2024 ވަނަ އަހަރު ސެޕްޓެންބަރު މަހު ފެށި މި ހިދުމަތަކީ އޮފްޝޯކޮށް އެކަމަށް ހާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ހިދުމަތެކެވެ. ބަންކަރިން ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ ހިދުމަތް ފެށުމުގެ ކުރިން މިނިސްްޓަރު ސައީދު ވިދާޅުވެފައިވާއިރު މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެފައެވެ.
