މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިހާތަނަށް 192،149،939 ރުފިޔާ (12 މިލިއަން ޑޮލަރުގެ)ގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. ޓެކްސްގެ ގޮތުގައި 17،360،589.10 ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
އޭގެތެރެއިން 83 ޕަސެންޓްއަކީ ލޯ ސަލްފާ ފިއުލް ކަމަށާއި އެއީ މީގެކުރިން ރާއްޖެ ގެނެސް ބަންކާ ކުރި އެއްޗެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ބަންކަރިން ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ ހިދުމަތް ފެށުމުގެ ކުރިން މިނިސްްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.
ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވެފައި ވަނީ ރާއްޖު އޮތް ލޮކޭޝަނަށް ބަލާއިރު ބަންކަރިންގެ ހިދުމަތަކީ ވަރަށް މުހިންމު ސިނާއަތަކަށް ވާނެކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ބަންކަރިން އަކީ ރަނގަޅު ނަފާއެއް ލިބޭނޭ ސިނާއަތެއްގެ ގޮތުގައި ފުޅާކުރެވޭނެ ސިނާއަތެއް ކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.