ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން 2 މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަން އިއުލާނުކޮށްފައި ވަނީ ކ.ކާށިދޫ, ފަޒާ އުމުރުން 27 އަހަރުގެ މާއިސް މުހައްމަދު (A392323) އަދި އދ. ކުނބުރުދޫ/މާބަގީޗާގެ އުމުރުން 24 އަހަރުގެ އާއިޝަތު ނުހާ (A273640) އެވެ.
ފުލުހުން ބުނީ މި 2 މީހުންނަކީ ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ 2 މީހުން ކަމަށެވެ.
ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އެކަން އިއުލާނުކޮށްފައެވެ.
ފުލުހުން ބުނެފައި ވަނީ މި 2 މީީހުން ފުލުހަށް ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. އެގޮތުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ނުވަތަ ވީ އެންމެ އަވަހަކަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.