ބައެއް ކޮމިޝަންތަކުގެ ނައިބު ރައީސުން ހިމެނޭހެން ކޮމިޝަންތަކުގެ މެންބަރުންތަކެއް ވަކިކުރަން ހުށަހެޅި މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އަނބުރާ ފޮނުވާލައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން ހުށަހެޅީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރުން ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފް ވަކިކުރުމަށެވެ.

އެ ކޮމިޓީގެ ފަރާތުން މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ވަކިވަކިން ފޮނުއްވި ސިޓީތަކުގައިވާ ގޮތުން:

  • ސީއެސްސީގެ ރައީސާއި އޭސީސީ އާއި އީސީގެ ނައިބު ރައީސް ހިމެނޭހެން ޖުމްލަ ހަ މެންބަރަކު ވަނީ އަމިއްލަ މަގްސަދެއް ހާސިލްކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރައްވާފައި
  • އަދި ކޮމިޓީ އަށް އެ މެންބަރުންގެ ޝަކުވާ ވެސް ލިބިފައިވޭ

ރިޔާސަތުން ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އަނބުރާ ފޮނުވާލައިފައެވެ.

ބައެއް ކޮމިޝަންތަކުގެ މެންބަރުން ވަކިކުރަން ފަށާފައިވަނީ އޭސީސީ އާއި އީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރުމަށް ފަށާފައިވާ ދަނޑިވަޅެއްގައެވެ.