މި އަހަރުގެ މިހާތަނަށް 1،693،952 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށާއި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1.69 މިލިއަން ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރު މި މުއްދަތާ ހަމައަށް ރާއްޖެއަށް އައިސްފައި ވާ ފަތުރުވެރިންގެ އަދަދަކީ 1.55 މިލިއަން ކަމަށްވާ އިރު، 2022 ވަނަ އަހަރު މި މުއްދަތުގައި ވަނީ 1.37 މިލިއަން ފަތުރުވެރިން އައިސްފައެވެ.

މި މަހުގެ ފުރަތަމަ ހަ ދުވަހު ޖުމްލަ 29،304 ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ މަހު ވަނީ 172،621 ފަތުރުވެރިން އައިސްފައެވެ. މުޅި އަހަރަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އަހަރުގެ ފުރަތަމަ ދެ މަހުއެވެ. އެގޮތުން ޖެނުއަރީ މަހު 192،385 ފަތުރުވެރިން އައިސްފައިވާ އިރު، ފެބްރުއަރީ މަހު ވަނީ 217،392 ފަތުރުވެރިން އައިސްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 61،494 އެނދު ހުރިއިރު އޭގެތެރޭގައި 181 ރިސޯޓުގައި ހުރި 44،601 އެނދު، 909 ހޮޓާ އަދި ގެސްޓްހައުސްގައި 17،007 އެނދު އަދި 154 ސަފާރީ އުޅަނދުފަހަރުގައި ހުރި 3008 އެނދު ހިމެނެއެވެ.

މި އަހަރު ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ، 10،213 ފަތުރުވެރިން ރާއްޖެއަށް އައި ފެބްރުއަރީ 10 ވަނަ ދުވަހެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 241،523 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނައިގައި އޮތީ 189،193 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި ޔޫކޭ ވަނީ 145،774 ފަތުރުވެރިންނާ އެކު އެ ލިސްޓުގެ ތިން ވަނައިގައެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ އޮތީ 103،438 ފަތުރުވެރިންނާއެކު މި ލިސްޓުގެ ހަ ވަނައިގައެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ލިސްޓުގެ އެއްވަނައިގައި ޗައިނާ އޮތް އިރު، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ޗައިނާ މާކެޓްގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. ކޮވިޑަށް ފަހު ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަން ފެށި ފަހުން ޗައިނާ ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، މި އަހަރުތެރޭ ޗައިނާ މާކެޓް މި ވަނީ ލިސްޓްގެ އެއްވަނަގައި ހިފަހައްޓާފައެވެ. ހަމައެއާއެކު މި ސަރުކާރުން އަންނަނީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ވެސް އިތުރު ކުރުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން ރުޕޭ ކާޑާއެކު އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.