ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ފިއުލް ހައިޑްރަންޓް ސިސްޓަމް އަދި ފިއުލް ފާމު ހުޅުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފް މުހައްމަދު ވިދާޅުވީ ކުރިން ބޭނުންކުރި ފިއުލް ފާމަކީ 13 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފާމެއްކަމަށާއި ނަމަވެސް އަލަށް ތަރައްގީކޮށް ބޭނުންކުރަން ފެށި ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެކަމަށެވެ.

އަލަށް ގާއިމް ކުރާ ފިއުލް ފާމް ގައި ތެޔޮ ރައްކާކުރަން ތިން ޓޭންކް ހުންނާނެ ކަމަށާއި އެ ޓޭންކް ތަކުގައި 45 މިލިއަން ލީޓަރުގެ ޖެޓް އޭ ފިއުލްގެ އިތުރުން 1 މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު ފްލައިޓްތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށާއި މި ހިދުމަތް ދިނުމަށް 8.4 ކިލޯމީޓަރުގެ ވިއުގައެއް އަޅާފައިވާކަމަށެވެ. އަދި މި ނިޒާމް ބޭނުންކޮށްގެން އެއްފަހަރާ 7 ބޯޓަށް ތެޔޮ އެޅުމުގެ ހިދުމަތް ދެވޭނެކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިހާރު މަތިންދާބޯޓު ތަކަށް ތެޔޮ އަޅަނީ ފިއުލް ފާމުން ތެޔޮ ބައުޒަރުތަކަށް ތެޔޮ އަޅައިގެން ނަމަވެސް ރަންވޭގެ އަޑިން ހޮޅިތަކެއް މެދުވެރިކޮށް އެޅި މި ހައިޑްރަންޓް ނެޓްވޯކް ބޭނުން ކުރަން ފެށުމުން ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ މިއީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ވީއައިއޭގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.