ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓީޖީއެސްޓީ ރޭޓަށް ބަދަލު ގެންނަ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލުގައި ވާގޮތުން 1 ޖުލައި 2025 އިން ފެށިގެން ޓީޖީއެސްޓީ ރޭޓް 17 އިންސައްތައަށް އިތުރުވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 16 އިންސައްތައެވެ. ނަމަވެސް ބިލުގައި ބަޔާންކޮށްފައިވާގޮތުން 16 އިންސައްތަ ނެގޭނީ 30 ޖޫން 2025 ގެ ނިޔަލަށް ކަމުގައި ވަނީ ބަޔާން ކުރައްވާފައެވެ.
މި ބިލު ފާސްވެ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމަށް ވެސް ބިލުގައި ބަޔާންކުރައްވާފައިވެއެވެ. ރައީސް މި ބިލު މިއަދު ތަސްދީގުކުރެއްވުމާއެކު، މި ގާނޫނު ގެޒެޓުގައި މިހާރު ވަނީ ޝާއިއުކުރެވި އަމަލުކުރަން ފަށާފައެވެ.
މީގެއިތުރުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށްވެސް ގެނައި އިސްލާހު ރައީސް ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ. މި އިސްލާހުގައި ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާ މިންވަރަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިއަހަރުގެ ޑިސެމްބަރު 1 އިން ފެށިގެން އިކޮނޮމީ ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި 12 އެމެރިކާ ޑޮލަރު އަދި އިކޮނޮމީ ކުލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު ނެގުމަށް ވަނީ ނިންމާފައެވެ.
ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 އެމެރިކާ ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 އެމެރިކާ ޑޮލަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ނެގުމަށް ވަނީ ނިންމާފައެވެ.
އޭގެއިތުރުން ގްރީން ޓެކްސް ދެގުނައަށް ބޮޑުވާނެއެވެ. އެގޮތުން، 50 ކޮޓަރިއަށް ވުރެ ކޮޓަރި މަދު ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގައި އަދަދު ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކުރާނެއެވެ. އަދި، އެއަށް ވުރެ ބޮޑެތި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ނަގައި ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރާނެއެވެ.