މިހާރު ދޫކޮށްފައިވާ ޑޮމެއިން ހުއްދަތައް ސެކިއުރިޓީ ފީޗާސްތަކާއެކު އަލަށް ތައާރަފްކުރާ ޑޮމެއިން ހުއްދަތަކަށް ބަދަލުކުރުމަށް މި މަހު 17ގައި ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވަނީ ޑޮމެއިންގެ ހިދުމަތްތައް ހުއްޓާލުމަށް ނިމިދިޔަ ދައުރުގައި ރައީސް އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައިވާކަން ފާހަގަކުރެއްވާފައެވެ.
ޑޮމެއިންގެ ހިދުމަތްތައް ހުއްޓާލާފައި އޮތް ނަމަވެސް އެއީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި ގާނޫނީ ޒިންމާއަކަށްވުމާއެކު މިނިސްޓްރީއިން އެ ހިދުމަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ކުރިން ދޫކޮށްފައިވާ ޑޮމެއިންތަކުގެ ރެކޯޑްސްތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށާއި ދެން ހިދުމަތް ދޭން ފަށާއިރު، މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑޮމެއިންގެ މައްސަލަތައް ހައްލުކުރުމަށް:
- ގަވާއިދު އިސްލާހުކޮށް ގެޒެޓްކުރުން
- އަލަށް ސެކިއުރިޓީ ފީޗާސްތަކާއެކު ފަރުމާކުރެވިފައިވާ ޑޮކިއުމެންޓްގެ ރަޖިސްޓްރީ އަދި ބޭނުން ކުރުމުގެ ހުއްދައަށް ބަދަލުކޮށް ތައާރަފްކުރުން
- ޑޮމެއިންގެ ހިދުމަތް ދިނުމަށްޓަކައި ހަރުދަނާ އިދާރީ އުސޫލެއް އެކުލަވާލުން
- އާ ސިސްޓަމެއް ތައާރަފްކޮށް ޑޮމެއިންގެ ޑޭޓާބޭސް އެއް ވިއުގައަކުން ގުޅާލުން
- ޑޮމެއިންގެ ވެރިފަރާތަށް ޑޮމެއިން ނަންބަރުގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ގޮތް ހެދުން
އަމީން ވިދާޅުވީ ޑޮމެއިންގެ ގަވާއިދު އިސްލާހުކޮށް މި މަހުގެ 10 ނުވަތަ 12 ވަނަ ދުވަހު ގެޒެޓްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާރު ގެޒެޓްކުރުމަށްޓަކައި މި އިސްލާހު ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ދޫކޮށްފައިވާ ޑޮމެއިން ސެޓްފިކެޓްތަކުގެ ބަދަލުގައި އަލަށް ސެކިއުރިޓީ ފީޗާސްތަކާއެކު ފަރުމާކުރެވިފައިވާ ޑޮމެއިން ޑޮކިއުމެޓްންގެ ރަޖިސްޓްރީ އަދި ހުއްދައަށް އެދުމަށް މި މަހު 17އިން ފެށިގެން 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޑޮމެއިންގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އާ ލިޔެކިޔުންތައް ވެރިފަރާތާ ހަވާލުކުރާނެ ކަމަށާއި އެ މުއްދަތުގެ ފަހުން ޑޮމެއިންގެ ސައްހަ ލިޔެކިޔުންތަކުގެ ގޮތުގައި ބަލައިގަންނާނީ އަލަށް ތައާރަފްކުރާ ޑޮމެއިން ލިޔެކިޔުންތައް ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ އާ ލިޔެކިޔުންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އީމެއިލް މެދުވެރިކޮށް އަދި މިނިސްޓްރީއަށް ގޮސް މިނިސްޓްރީގައި އެކަމަށް ހާއްސަ ކައުންޓަރުން ވެސް ދިނުމަށް ހަމަޖެހިވާ ކަމަށެވެ.