ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ގާނޫނާ ހިލާފުކަމެއް ކޮށްފި ނަމަ އެ އަމަލެއް ހިންގި މެންބަރަކު ނިސްބަތްވާ ޕާޓީއެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ.

މިހާރު ވެސް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތައް ޖޫރިމަނާކުރެއެވެ. އެއީ:

  • ޕާޓީއެއްގެ މެންބަރުކަމަށް ގަވައިދާ ހިލާފަށް މީހެއްގެ ނަން ހުށަހެޅުން: 5،000 ރުފިޔާ އާއި 10 ހާސް ރުފިޔާގެ އަދަދެއްގެ ޖޫރިމަނާއެއް
  • އެހެނިހެން މާއްދާތަކާ ހިލާފުވާ މެންބަރުން: 30 ހާސް ރުފިޔާ އާއި 75 ހާސް ރުފިޔާ އާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް

ސަރުކާރުން ހުށަހެޅީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ގާނޫނާ ހިލާފުކަމެއް ކޮށްފިނަމަ އެއްލައްކަ ރުފިޔާއިން އެ މެންބަރަކު ނިސްބަތްވާ ޕާޓީއެއް ޖޫރިމަނާކުރަން މި ޖޫރިމަނާތަކުގެ ތެރެއަށް އިތުރުކުރުމަށެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް 60 މެންބަރަކު ވޯޓުދެއްވިއިރު އިސްލާހު ބަލައިގަތުމަށް ނުފެންނަ ކަމަށް، ފަސް މެންބަރަކު ވޯޓު ދެއްވިއެވެ.

އެހެންވެ ރިޔާސަތުން ނިންމީ މި އިސްލާހު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވާލުމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއެއްގައި މައި އިންތިހާބެއްގެ ޓިކެޓު ހޯދުމަށް ވާދަކޮށް ބަލިވެއްޖެނަމަ، އެ މައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މެންބަރުންނަށް ގެއްލޭގޮތަށް އޮންނަ މާއްދާ އުވާލުމަށާއި، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ބަޖެޓުގައި ލަފާކުރާ އާމްދަނީން ލިބޭގޮތަށް ބަދަލުކުރުމަށް ވެސް އެ އިސްލާހުގައި ހުށަހަޅާފައިވެއެވެ.