ކުރީގެ ރައީސް ޔާމީނަކީ އޭރު ޕީޕީއެމް އަދި ޕީއެންސީއަށް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ 90 ޕަސެންޓު 'ވަގަށް' ނަގާފައިވާ ބޭފުޅެއްގެ ގޮތުގައި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ތުހުމަތު ކުރައްވައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހަށް ބަހުސްކުރައްވަމުން މެންބަރު ފަލާހު ވަނީ ރައީސް ޔާމީން އާއި އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ފަލާހު ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި ޓެކްސް އިން ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން ނަގާ ފައިސާ، ޕާޓީ ހިންގުމަށް ދިނުމުން އެ ވަގަށް ނަގާފައިވަނީ ރައީސް ޔާމީންކަމުގައި ތުހުމަތު ކުރައްވާފައެވެ. އަދި މިއީ ހީއަކަށް ދައްކާ ވާހަކަތަކެއް ނޫންކަން ހާމަކޮށް ފަލާހު ވަނީ ޔާމީނަށް އެއްވެސް ތާއީދެއް ނެތްކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ މިހާރުވެސް ޔާމީންއަށް ދައުލަތުގެ ބަޖެޓުން އަހަރަކު 3 މިލިއަނަަށްވުރެ ބޮޑު ހަރަދެއް ކުރަމުން އަންނަ އިރު ގައުމު ފަސާދަކުރުން ފިޔަވައި އެހެން އިތުރު އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ. އެހެންކަމުން މިފަދަ ވެރިންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލާންޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ 3،000 މެންބަރުން ހަމަކޮށްގެން، ތިން ހަތަރު އަހަރުވެގެން ދާއިރު ވެސް ޕާޓީއަށް މެންބަރުން އިތުރުނުވާނަމަ އެއީ ސިޔާސީ ޕާޓީއެއްކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރާއިރު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް އެ ކަންކަމަށް ރިއާޔަތްކުރަން ޖެހޭކަމަށެވެ.
ވަކި މުއްދަތެއް ކަނޑައަޅާ، އެ މުއްދަތުގައި ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލުމަށް ގޮވާލަމުން ފަލާހު ވިދާޅުވީ އިންތިހާބުތަކުގައި ބައިވެރިނުވާ އަދި ރައްޔިތުންގެ ތާއީދެއް ނެތް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ދައުލަތުން ލާރި ނަގައިގެން ތަންތަނުގައި ހަ މީހުންނާ އެކު ކުދިކުދި ޖަލްސާ ބާއްވަނީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ކަމަށް ވިދާޅުވެ ނުސީދާ ބަހުން ޕީއެންއެފްއަށް ފާޑުވިދާޅުވެފައެވެ.