ނިމިދިޔަ ސަރުކާރުން ބުޅާ ފެސިލިޓީ ގާއިމުކުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ބުޅާ ފެސިލިޓީ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގައި ބުޅާ ގިނަވެ ނުބެލެހެއްޓި، އާންމު ދިރިއުޅުމަށް އުނދަގޫވާވަރަށް އެކަން ދިޔައިރުވެސް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް 3 ދައުރުގަައި އެކަމާ އެއްވެސް ވަރަކަށް އަޅާ ނުލާ ކަމަށެވެ.

އަދި އެ މަނިކުފާނު މާލެ ސިޓީ މޭޔަރަށް ވަޑައިގަތުމަށް 2021 ވަނަ އަހަރު ކުރެއްވި ކެމްޕޭނުގައިވެސް އާންމުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މޭޔަރު ކަމާ ހަވާލުވެވަޑައިގެން ބުޅާ ފެސިލިޓީއެއް ގާއިމްކުރާނެ ބިމެއް ހަމަޖައްސަވައިދެއްވުމަށް 2021 ވަނަ އަހަރު ސަރުކާރުގައި އެދުނު ކަމަށާއި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ކޯލިޝަން ސަރުކާރުން އެއްވެސް އެއްބާރުލުމެއް އެކަމަށް ނުދެއްވާ ކަމަށެވެ. އެއާއެކު ރައީސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނަށް އިތުބާރު ކުރައްވާ ރައީސަކަށް ހޮއްވަވައިފި ނަމަ މި މައްސަލަ އަށް ހައްލު ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރާއްޖޭގެ ރައީސް ކަމާއި ނޮވެމްބަރު 17، 2023 ގައި ހަވާލުވެވަޑައިގެންނެވުމާއެކު ރައީސް ވަނީ ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއާއެއް ހިމަނުއްވާ ހުޅުމާލެ 2 ވަނަ ފިޔަވަހީން ބުޅާ ފެސިލިޓީއެއް ބިނާކުރަން ހާއްސަ ބިމެއް ސަރުކާރުން ހަމަޖައްސާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ފެސިލިޓީގައި އޯގާތެރިކަމާއެކު ބުޅާ ބަލަހައްޓާ ކާންދީ، ބޭސްފަރުވާ ކުރެވޭނެ އިންތިޒާމުގެ އިތުރުން އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މީހުންނާއި ޑޮކްޓަރުންވެސް ތިބޭނެ ކަމަށެވެ.

މާލެ ސިޓީގައި ބިނާކުރެވޭ ބުޅާ ފެސިލިޓީގެ ސަބަބުން، އެތައް އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލަ ހައްލު ކުރެވޭނެ. ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަވާނެ. އަދި ބުޅާ ބެލެހެއްޓުންވެސް އޯގާތެރިކަމާ އަޅައިލުމާއެކު އިންތިޒާމު ކުރެވޭނެ
ރައީސް މުއިއްޒު

މިއީ އެތަކެއް އަހަރުތަކެއް ވަންދެން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހައްލެ ނުލިބި އޮތް ކަންބޮޑުވުމަކަށް ރައީސް މުޢިއްޒު ހޯއްދަވައި ދެއްވި ދާޢިމީ ހައްލެކެވެ.