ސަރުކާރުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ކުޑަކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ސަރުކާރުން ބަޖެޓް ކަނޑައެޅުމުގައި ގާނޫނާ ހިލާފުވެ، ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލުން ކުށްވެރިކޮށް ދަ ޑިމޮކްރެޓްސްއިން ވަނީ ބަޔާނެއް ނެރެފައެވެ.

ދިވެހި ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެން އަންނާނީ އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގާ ކަމަށް ކަނޑައަޅާފައިވާ ކަމާއި ދިވެހިރާއްޖެ ހިންގަން ވާނީ ލާމަރުކަޒީ އުސޫލުންކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާކަން އެ ބަޔާނުގައި ދަ ޑިމޮކްރެޓްސްއިން ވަނީ ފާހަގަކޮށްފައެވެ. ދަ ޑިމޮކްރެޓްސްއިން ބުނީ އެ އުސޫލު ހިފެހެއްޓުމާއި ކުރިއެރުވުމާއި ޑިމޮކްރެޓިކް ހިންގުން އަށަގަންނެވުމާއި ކުރިއެރުވުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން 5 ޕަސެންޓް ކައުންސިލްތަކަށް ދޭންވާނެކަމަށް ލާމަރުކަޒީ ގާނޫނޫގައި ކަނޑައަޅާފައިވާކަން ފާހަގަކޮށް ޑިމޮކްރެޓްސްއިން ބުނީ ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް އުނިކޮށްފައިވާ ކަމަށެވެ. އަދި އެއީ މާލީ ވަޒީރު ގާނޫނާ ހިލާފުވުން ކަމަށާއި ދަ ޑިމޮކްރެޓްސް އެކަން ކުށްވެރިކުރާ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިޔަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ ދުސްތޫރީ އަދި ގާނޫނީ ވާޖިބެއް ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެއެވެ. އަދި ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމުކުރުމުން އެހެން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަކީ ސަރުކާރަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް ބާރެއް ނޫން ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފުވުމުގެ އަމަލެއް ކަމަށެވެ. އަދި އެފަދައިން އަމަލުނުކުރުމަށާއި، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް މާލީ ވަޒީރަށާއި ސަރުކާރަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.