ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ބުޅާ ފެސިލިޓީ މާދަމާ ހުޅުވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އާ އެކު ބުޅާ ފެސިލިޓީ އިމާރާތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވީ، ވޭތުވެދިޔަ ހަތް މަސް ދުވަހުގެތެރޭ ގިނަ މީހުން އެދުނީ މަގުތައްމަތިން ބުޅާތައް ނަގައި އެ އެއްޗިއްސަށް ރައްކާތެރި މާހައުލެއް ދީ، އެ އެއްޗިހީގެ ނަޖިހުން ސަލާމަތްކުރުމަށް ކަމަށެވެ.

މާލެ އަށް ވާރޭ ވެހި ފެންބޮޑުވާ ވަގުތުތަކުގައި ބުޅަލުގެ ނަޖިސް ގިނަވެ ބަލިމަޑުކަން ފެތުރޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ މާދަމާ ބުޅާ ފެސިލިޓީ އެއްކޮށް ހުޅުވައި، އެ އެއްޗެހި އެ ތަނަށް ގެންނަން ފަށާނެ ކަމަށެވެ. އެގޮތުން ގިނަވެގެން ހަ މަހުގެތެރޭ މާލޭގެ ހުރިހާ ބުޅަލެއް ފެސިލިޓޭޓްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން، މޭޔަރު އާދަމް އާޒިމް އަދި އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ (ކ-ވ) ބުޅާ ފެސިލިޓީ ބައްލަވާލައްވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އާޒިމް އިތުރަށް ވިދާޅުވީ، ބުޅާތައް ހިފުމަށް ހާއްސަ ކޮށިތަކެއް ތައްޔާރުކުރަމުންދާ ކަމަށާއި، އަނިޔާލިބޭ ފަދަ ގޮތަކަށް އެތަކެއްޗެއް ނުހިފާނެ ކަމަށެވެ. މީގެ އިތުރުން ވަކިން ބޮޑު ތިން ކޮށްޓެއް ފެސިލިޓީގައި ހުންނާނެ ކަމަށާއި އޭގެ ތެރެއިން އެއް ކޮށި ހާއްސަކުރަނީ ބަލި ޖެހިފައިވާ ބުޅާތަކަށް ފަރުވާ ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބުޅާ ފެސިލިޓީ ހިންގައި އެތަނަށް ގެންނަ ބުޅާތައް ބެލެހެއްޓުމަށްޓަކައި ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި، އެ ތަން ހިންގުމަށްޓަކައި ބަޖެޓު ލިބޭތޯ ކައުންސިލުން މަސައްކަތްކުރަމުންދާ ކަމަށެވެ.

މިވަގުތު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އާޒިމް ވިދާޅުވި ގޮތުގައި، މާލޭގެ މަގުތަކަށް ދޫވެފައި ހުރި ބުޅާތައް ހިފައި ފެސިލިޓީ އަށް ގެނައުމަށެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެ ނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.