ދައުލަތުގެ އިދާރާތަކުގެ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ތަހުގީގުކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މިފެށޭ ހަފްތާގައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ
ރައީސް ޑރ. މުއިއްޒު

މީގެއިތުރުން މި މަހުގެ 27 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށްވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މި ސަރުކާރުން ލާމަކުރަޒީ ނިޒާމު ފުނޑާލައިފި ކަމަށާއި، ބާރުތަށް "އަތަށް މަހާލައިފި" ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބާރުތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، ނަމަވެސް އަދުލު އިންސާފު ގާއިމުކުރަން ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ކުރައްވާނެ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ ދައުލަތުގެ ބާރުތަކާއި، މިނިވަން މުއައްސަސާއަތައް އަދި އިންތިހާބުކުރެވޭ ބަޔަކަށް އެމަނިކުފާނު މިހާތަނަށް ވެސް ނުފޫޒު ނުފޯރުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ނުފޯރުވާނެ ކަމަށެވެ.