ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށާއި، ގްރީން ޓެކްސް ދެގުނަ ކުރުމަށާއި، އެއާޕޯޓުތަކުން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކުހާއި ފީ ބޮޑުކުރުމަށެވެ.

މި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީންނާއި މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީން އިތުރަށް ދިރާސާކޮށް، މީގެ ތެރެއިން ހަމައެކަނި ކުޑަ ބަދަލެއް ގެނައީ ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހަށެވެ. ސަރުކާރުން ހުށަހެޅީ އަންނަ ޖޫން މަހުން ފެށިގެން 17 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާ ގޮތަށެވެ. އެކަމަކު ސަބް ކޮމިޓީގައި މެންބަރުން މަޝްވަރާކުރުމަށް ފަހު ނިންމީ ޖުލައި މަހަށް ބަދަލުކުރުމަށެވެ.

އިއްޔެގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ކުދި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ 3 އެމެރިކާ ޑޮލަރު އެގޮތުގައި ހިފެހެއްޓުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ހުށަހެޅުއްވުން ކޮމިޓީން ވަނީ ބޭރުކޮށްލައިފައެވެ. އަދި އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ފީ ވެލާނާ އެއާޕޯޓުގައި އެކަނި ބޮޑުކުރުމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ހުށަހެޅުއްވުން ވެސް ވަނީ ބޭރުކޮށްލައިފައެވެ.

އެހެންކަމުން ޓީޖީއެސްޓީ ބޮޑުކުރަން ހުށަހެޅި އިސްލާހު ފިޔަވައި ދެންހުރި އިސްލާހުތައް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް ކޮމިޓީން ވަނީ އިއްޔެ ނިންމައި ގޮތެއް ނިންމުމަށް ތަޅުމަށް ހުށަހަޅައިފައެވެ.

އެހެންވެ، އިސްލާހުތައް ފާސްކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ އަށް މެންބަރުން ވަނީ ތިން އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ. މަޖިލީހުގައި ތިއްބެވި ސަރުކާރުގެ 71 މެންބަރުންގެ ތެރެއިން 70 މެންބަރަކު ޓީޖީއެސްޓީ ބޮޑުކުރުމަށް ވޯޓުދެއްވައި، ގްރީން ޓެކުހާއި އެއާޕޯޓުން ފުރަންދާ މީހުންގެ އަތުން ނަގާ ޓެކުހާއި ފީ ބޮޑުކުރުމަށް 71 މެންބަރުން ވޯޓު ދެއްވިއެވެ.

ގްރީން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅީ ބޮޑެތި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ 6 ޑޮލަރު 12 ޑޮލަރަށް ބޮޑުކުރުމަށާއި، ކުދި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ 3 ޑޮލަރު 6 ޑޮލަރަށް ބޮޑުކުރުމަށެވެ.

އެއާޕޯޓުން ފުރަންދާ މީހުންގެ އަތުން ނަގާ ޓެކުހާއި ފީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅީ އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުމަށާއި، ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުމަށާއި، ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުމަށާއި، ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުމަށެވެ.

އެހެންކަމުން އަންނަ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓުން ފުރަންދާ މީހުންގެ އަތުން ނަގާ ފީ ބޮޑުވެގެން ދާނެއެވެ.